އޮސްޓްރޭލިއާގެ އީސްޓް ކޯސްޓްގައި އޮންނަ ގޯލްޑް ކޯސްޓް ސަރަހައްދުގައި 91 ބުރީގެ ޓްރަމްޕް ހޮޓަލަކާއި ރެސިޑެންޝަލް ޓަވަރެއް ބިނާކުރުމަށް ރާވާފައި އޮތް މަޝްރޫއު ކެންސަލްކޮށްފިއެވެ. މި މަޝްރޫއު ހުއްޓާލަން ނިންމީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބްރޭންޑަކީ އޮސްޓްރޭލިއާ މީހުންގެ މެދުގައި "ވިހަ" ބްރޭންޑަކަށް ވެފައިވާ ކަމަށް ބުނެއެވެ.
މި މަޝްރޫއަކީ ގާތްގަނޑަކަށް 1.5 ބިލިއަން އޮސްޓްރޭލިއާ ޑޮލަރު (1.1 ބިލިއަން އެމެރިކާ ޑޮލަރު) ގެ ބޮޑު މަޝްރޫއެކެވެ. ޓްރަމްޕް އޯގަނައިޒޭޝަނުން މިދިޔަ ފެބްރުއަރީ މަހު މި މަޝްރޫއު އިއުލާނުކުރިއިރު ބުނެފައިވަނީ، މިއީ ސާފާސް ޕެރަޑައިސް ސަރަހައްދުގެ މޫދު ކައިރީގައި ލަގްޒަރީގެ އާ މިންގަނޑެއް ކަނޑައަޅާނެ މަޝްރޫއެއް ކަމަށެވެ.
އޮސްޓްރޭލިއާގެ އޮލްޓަސް ޕްރޮޕަޓީ ގްރޫޕްގެ ސީއީއޯ ޑޭވިޑް ޔަންގް ވިދާޅުވީ، މަޝްރޫއު ހުއްޓާލީ ޓްރަމްޕް ބްރޭންޑާ މެދު އޮސްޓްރޭލިއާ މީހުންގެ މެދުގައި އޮތް ނުރުހުމުގެ ސަބަބުން ކަމަށެވެ.
"މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން މިކަން މިގޮތަށް ވާނެ ކަމަށް އުންމީދު ކުރެވުނު،" ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޓްރަމްޕް އާއިލާއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި މިއީ ހަމައެކަނި ވިޔަފާރީގެ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަންގެ ތަރުޖަމާނަކު ވިދާޅުވީ، އެ ކުންފުނިން ބޭނުންވީ ދުނިޔޭގެ ފެންވަރުގެ މަޝްރޫއެއް އެ ސަރަހައްދުގައި ކުރިއަށް ގެންދަން ކަމަށެވެ. ނަމަވެސް، މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އޮސްޓްރޭލިއާގެ ޕާޓްނަރު ފުރިހަމަކުރަންޖެހޭ ވަކި ޝަރުތުތަކެއް ހުރި ކަމަށާއި، އެ ޝަރުތުތައް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އެއްބަސްވުމުން ވަކިވީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއު އިއުލާނުކުރި ހިސާބުން ފެށިގެން އޮސްޓްރޭލިއާގެ އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފައެވެ. މަޝްރޫއާ ދެކޮޅަށް ތައްޔާރުކުރި އޮންލައިން ޕެޓިޝަނެއްގައި 124،000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ޑޮނަލްޑް ޓްރަމްޕަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމް ނުކުރައްވާ އެޕްސްޓީން ޖަޒީރާގައި ކުޑަ އަންހެން ކުދިންނާއެކު މަންޒަރުތައް ފެންނަ އޮރިޔާން ފިލްމު ކުޅޭ ޑެނިއެލް ސްޓޯމީ ރޭޕްކޮށް އެކަން މަތިޖަހަން ރިޝްވަތު ދީގެން ޝަރިއަތް ކުރެވުނު ބޭފުޅެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބިނާކުރަން ނިންމާފައިވަނީ 340 މީޓަރު އުސް ޓަވަރެކެވެ. މިއީ މެލްބަންގައި ހުންނަ އޮސްޓްރޭލިއާގެ އެންމެ އުސް އިމާރާތް ކަމަށްވާ "އޮސްޓްރޭލިއާ 108″ އަށްވުރެ 15 މީޓަރު އުސް އިމާރާތެކެވެ. މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން ބުނީ ޓްރަމްޕް ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ދަށުން މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.






