ކާނާގެ އާދަތަކަށް ބަދަލު ގެނައުމަކީ މުސްކުޅިވުން ލަސްކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި

ކާނާގެ ނިޒާމަށް ބަދަލު ގެނެސް، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ވެސް އިންސާނާގެ ބަޔޮލޮޖިކަލް އުމުރު ނުވަތަ ހަށިގަނޑު މުސްކުޅިވުމުގެ ދުވެލި ލަސްކޮށްދޭ ކަމެއް ކަމަށް އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވާސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ 104 މީހުން ބައިވެރިކޮށްފައިވެއެވެ. މި މީހުން އެކި ގްރޫޕްތަކަށް ބަހާލުމަށްފަހު، ކޮންމެ ގްރޫޕަކަށް ވެސް ތަފާތު މިންވަރަށް ފެޓްސް، ކާބޯހައިޑްރޭޓްސް އަދި އެނިމަލް ޕްރޮޓީން ހިމެނޭ ކާނާ ދީގެން ހަތަރު ހަފުތާގެ މުއްދަތަށް ވަނީ މޮނިޓާކޮށްފައެވެ.

ބައިވެރިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ސައިންސްވެރިން ވަނީ 20 އަށްވުރެ ގިނަ ބަޔޮލޮޖިކަލް އިންޑިކޭޓަރުތައް ބޭނުންކޮށްފައެވެ. މީގެ ތެރޭގައި ކޮލެސްޓްރޯލް، އިންސިއުލިން އަދި ސީ-ރިއެކްޓިވް ޕްރޮޓީންގެ މިންވަރު ހިމެނެއެވެ. މި މައުލޫމާތުގެ އަލީގައި ބައިވެރިންގެ ބަޔޮލޮޖިކަލް އުމުރު ނުވަތަ ހަށިގަނޑުގެ މުސްކުޅިވުމުގެ ރޭޓު ވަނީ ހިސާބުކޮށްފައެވެ.

ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ފެޓްސް ނުވަތަ އެނިމަލް ޕްރޮޓީން ބޭނުންކުރާ މިންވަރު މަދުކުރުމަކީ ބަޔޮލޮޖިކަލް އުމުރު ދަށްކޮށްދޭ ކަމެކެވެ. އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ކާބޯހައިޑްރޭޓްސް ގިނައިން ހިމެނޭ އަދި މެދުމިންވަރަކަށް ފެޓްސް ހިމެނޭ ކާނާ ބޭނުންކުރި މީހުންގެ ކިބައިންނެވެ.

ދިރާސާގައި އިސްކޮށް އުޅުއްވި ސައިންސްވެރިން ވިދާޅުވީ، މިއީ އަދި ފެށުމެއް ކަމަށާއި ނަމަވެސް ކާނާގެ އާދަތަކަށް ގެނެވޭ ކުޑަ ބަދަލަކުން ވެސް މުސްކުޅިވުމާ ގުޅުންހުރި މިންގަނޑުތަކަށް އަވަސް އަސަރެއް ކުރާކަން މި ދިރާސާއިން ސާބިތުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރަޝިޔާގެ ހެލްތު މިނިސްޓަރު މިޚައިލް މުރަޝްކޯ ވިދާޅުވީ، އުމުރު ދިގުވުމަކީ ހަމައެކަނި ބޭސްވެރިކަމުގެ ކުރިއެރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިރިއުޅުމުގެ އާދަކާދަތަކާއި، ކަސްރަތު ކުރުމާއި، އަދި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ހުރުމަށް މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ތަރުޖަމާއެއް

ހިއްސާ ކުރައްވާ!