އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެންޓަކީން މިސްރުގެ ދަރިވަރަކު 4 އަހަރުން 3 ބަކަލޯރިއަސް ޑިގްރީ ހާސިލްކޮށްފި

އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީ އޮފް ކެންޓަކީގެ ޕިގްމަން ކޮލެޖް އޮފް އިންޖިނިއަރިންގް އިން މިސްރުގެ އިސްކަންދަރިއްޔާއަށް ނިސްބަތްވާ ދަރިވަރެއް ކަމަށްވާ މުސްތަފާ މުބާރަކް، އެންމެ ހަތަރު އަހަރުގެ ތެރޭގައި ތިން ދާއިރާއަކުން ބަކަލޯރިއަސް ޑިގްރީ ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މުސްތަފާ ވަނީ އިލެކްޓްރިކަލް އިންޖިނިއަރިންގް، ކޮމްޕިއުޓަރ އިންޖިނިއަރިންގް އަދި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިގްރީ ފުރިހަމަކޮށްފައެވެ.

ޔުނިވަރސިޓީން ހާމަކުރި ގޮތުގައި މުސްތަފާ އެމެރިކާގެ ލެކްސިންގްޓަންއަށް ދިޔައީ އުމުރުން އެންމެ 17 އަހަރުގައެވެ. އެ ދުވަސްވަރު އޭނާގެ އަތުގައި އޮތީ އެންމެ 1000 ޑޮލަރު ކަމަށާއި، އިނގިރޭސި ބަހަށް އެހާ ފަރިތަ ނޫން ނަމަވެސް، އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ޔުނިވަރސިޓީގެ މާހައުލަށް ހޭނި، ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަމުން މުސްތަފާ ބުނީ، "އަހަރެން އެމެރިކާއަށް އައީ އެންމެ 17 އަހަރުގައި، އަތުގައި އޮތީ އެންމެ 1000 ޑޮލަރު،" ކަމަށެވެ. އޭނާގެ މި ހިތްވަރުގަދަ ދަތުރާއި ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔުމުގެ ގޮތުން ޔުނިވަރސިޓީން ވަނީ ޚާއްސަ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ހަފްލާގައި އޭނާގެ ނަން އިިއުލާން ކުރުމާއެކު ހާޒިރުވެ ތިބި އެންމެން ވަނީ ކޮޅަށް ތެދުވެ އޭނާއަށް ވަރަށް ބޮޑަށް ސާބަސް ދީފައެވެ.

ކިޔެވުމުގެ އިތުރުން މުސްތަފާ އަކީ އަމިއްލަ ވިޔަފާރިއެއް ފަށާފައިވާ ހީވާގީ ޒުވާނެކެވެ. އޭނާ ވަނީ ގޯމޯ ފިގާޒް ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުންޏަކީ އިންޖިނިއަރިންގް އާއި ޑިޒައިން އެއްކޮށްގެން، މީހުންގެ ފޮޓޯތައް ބޭނުންކޮށްގެން 3ޑީ މޮޑެލްތައް ތައްޔާރުކޮށްދޭ ކުންފުންޏެކެވެ. މިއީ އޭނާގެ އުފެއްދުންތެރިކަމާއި ފަންނީ ހުނަރު ދައްކުވައިދޭ މުހިންމު މަސައްކަތެކެވެ.

މުސްތަފާގެ މި ކާމިޔާބީއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މުސްތަފާ ފަދަ ޒުވާނަކަށް އެކަށީގެންވާ ފުރުސަތު ލިބުމުން އެކުދިންގެ ހަގީގީ ގާބިލްކަން ދުނިޔެއަށް ހާމަވެގެންދެއެވެ. ޔުނިވަރސިޓީ އޮފް ކެންޓަކީން ވެސް ދަނީ އެކްސް މެދުވެރިކޮށް މުސްތަފާގެ ވާހަކަ ތަކުރާރުކޮށް ހިއްސާކުރަމުންނެވެ.

ހިއްސާ ކުރައްވާ!