ސޯފީ ޕެޓްރޯނިން އަކީ 2016 ވަނަ އަހަރު މާލީގައި ހަނގުރާމަވެރިން ވަގަށް ނެގި އެހީގެ މަސައްކަތުގައި އުޅުނު ފަރަންސޭސި އެހީތެރިއެކެވެ. އޭގެ 4 އަހަރު ފަހުން 2020 ވަނަ އަހަރު އޭނާ ވަނީ މިނިވަންވެފައެވެ..
މިނިވަންވުމަށްފަހު، އޭނާ އިސްލާމްދީން ގަބޫލު ކުރުމަށްފަހު އޭނާގެ ނަން (މަރްޔަމް ޕެޓްރޯނިން) ގެ ނަމަށް ބަދަލު ކުރިއެވެ.
އޭނާ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި ވަނީ:
މިއީ ފަރަންސޭސި އަންހެނެއް ކަމަށްވާ (މަރްޔަމް ޕެޓްރޯނިން) ފަރަންސޭސި ރައީސް މެކްރޮންއަށް ފޮނުވާ ސިޓީއެކެވެ.
އަލްފާޟިލު މެކްރޮންއަށް
ﷲގެ ތެދުމަގަށް ތަބާވީ މީހަކަށް ސަލާމް ހުއްޓެވެ .
އަހުރެން، ސާފު ހުދު ނަސްލުގެ، ކެތޮލިކް ކްރިސްޓިއަނެއް ކަމަށްވާ ފަރަންސޭސި އަންހެންމީހާ ސޯފީ ޕެޓްރޯނިން، މުސްލިމުންގެ ގާތު އަސީރެއްގެ ގޮތުގައި 4 އަހަރު ހޭދަ ކުރީމެވެ. އަހުރެން އުމުރުގެ މިހާތަނަށް، 75 އަހަރު ދުވަސް ވަންދެން ކްރިސްޓިއަން ދީނަށް އުޅުމަށްފަހު އިސްލާމްވެއްޖެއީމެވެ. އަހުރެން އިސްލާމްވީ ކިހިނެއްކަމާމެދު މަނިކުފާނު ހައިރާންވެ ވަޑައިގެންފައިވާކަމުގެ އަޑު އަހުރެން އެހީމެވެ!
ސާހިބާ މެކްރޮން، މަނިކުފާނަށް ކަންކަން ސާދާކޮށްދިނުމަށް ދެންނެވުމުގެ މާތްކަން ލިބިގަންނަމެވެ.
އާދެ! އަހުރެން ހުރީ މުސްލިމުންގެ ގާތުގައި އަސީރެއްގެ ގޮތުގައެވެ. ނަމަވެސް އެމީހުން ދުވަހަކުވެސް އަހުރެންނަށް އަނިޔާއެއް ނުކުރެތެވެ. އަދި އެމީހުން އަހުރެންނާ މެދު ކަންތައް ކުރީ ނުހަނު އިހުތިރާމާއި ގަދަރާއެކުގައެވެ.
އެއުރެންގެ، ވަސީލަތްތައް މަދުކަމާއެކުވެސް، އެއުރެން، އަހުރެންނަށް ކާބޯތަކެތި ފޯރުކޮށްދީ، އެއުރެންގެ އަމިއްލަ ނަފްސަށްވުރެ އަހުރެންނަށް އިސްކަންދިނެވެ.
އަދި އެއުރެން އަހުރެންގެ އަމިއްލަ ޝަޚުޟީ މިނިވަންކަމަށް އިހުތިރާމްކުރިއެވެ. ބަހަކުން ވިޔަސް ނުވަތަ އަމަލަކުންވިޔަސް އެއިން އެކަކުވެސް އަހުރެންނަށް ދުވަހަކުވެސް އުނދަގުލެއް ނުކުރެތެވެ .
އަދި މަނިކުފާނުގެ ރައްޔިތުން، މުހައްމަދު ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށް ފުރައްސާރަ ކުރާ ބީދައިން، އެއުރެން އަހަރެންގެ ދީނަކަށް، ނުވަތަ އީސާގެފާނަށް ނުވަތަ މަރްޔަމްގެފާނަކަށް ދުވަހަކުވެސް ފުރައްސާރައެއް ނުކުރެތެވެ.
އެއުރެން އަހުރެންގެ މައްޗަށް އިސްލާމްދީން މަޖުބޫރެއް ނުކުރެތެވެ. ނަމަވެސް އަހުރެންނަށް އެމީހުންގެ އެދީން ފެނުނީ އެމީހުންގެ އަޚްލާގުންނެވެ. އެމީހުންނަކީ ފެނުން ތާހިރުވާ ބަޔެކެވެ. ކަލާނގެ ހަޟުރަތަށް ކުއްތަންވެ، ފަސް ވަގުތު ނަމާދުކުރެތެވެ. އަދި ﷲ އަށްޓަކައި މުޅި ރޯދަ މައްސަރުގައި ހައިބަނޑާ ރޯދައަށް ތިބެތެވެ.
ސާހިބާ މެކްރޮން ..
މާލީގެ މުސްލިމުންނަކީ ފަގީރު ބަޔެކެވެ. އާދެ! އެމީހުންގެ ގައުމަކީ ފަގީރު ގައުމެކެވެ.
އެ ގައުމަކު އައިފަލް ޓަވަރެއް ނެތެވެ. އަދި އެއުރެންނަށް އަހުރެމެންގެ މީރުވަސްދުވާ ފަރަންސޭސި ސެންޓުތަކުގެ ނަމެއް ނޭނގެއެވެ. އެހެނަސް އެއުރެންނަކީ ތާހިރު ކަންމަތީގައި ތިބޭ، އަދި ހިތުގެ ގޮތުން އެންމެ ސާފު އިންސާނުންނެވެ.
އާދެ! އެމީހުންގެ އަތުގައި އަގުބޮޑު ކާރުތަކެއް ނުހުރެއެވެ.
އަދި އެއުރެން އުސް އިމާރާތްތަކުގައި ދިރިއެއް ނޫޅެތެވެ. ނަމަވެސް އެއުރެންގެ އުންމީދުތައް ހުންނަކީ އާސްމާނުގެ ވިލާތަކަށްވުރެ މަތީގައެވެ. އަދި އެއުރެންގެ އީމާންތެރިކަން ހުންނަނީ އުސް ފަރުބަދަތަކަށްވުރެ ނުގުޑާ ވަރަށް މޫލާފައެވެ.
ސާހިބާ މެކްރޮން ..
މަނިކުފާނުގެ ހަޔާތުގައި ދުވަހަކުވެސް މީހަކު ގުރުއާން ކިޔަވާ އަޑު އެއްސެވިންތޯއެވެ..؟
އެމީހުން ފަތިސް ނަމާދާއި ރޭގަނޑުގެ ނަމާދުތަކުގައި ގުރުއާން ކިޔަވަތެވެ ..
އެއީ ހާދަހާ ވާ ރީތި ކިޔެވުމެކެވެ. އެވެރިން ކިޔަވާ އެއްޗެއް މަނިކުފާނަށް ފަހުމް ވެވަޑައިނުގަތް ނަމަވެސް، ﷲގެ ވަހީބަސްފުޅުތައް ކިޔަވާ އަޑު އިވޭ ހިނދު މަނިކުފާނުގެ ހަށިކޮޅު ތުރުތުރު އަޅާނެއެވެ. އެމީހުން އެ ޤުރުއާން ފޮތް ހިތުދަސްކޮށްގެން ތިބެއެވެ. އަދި ހިތުން ކިޔަވައި ހަދަތެވެ.
އެ ފޮތުން ކިޔަވާ އަޑު މަނިކުފާނަށް އިވި ވަޑައިގަންނަވާނެ ނަމަ، އެއީ އިންސާނެއްގެ ބަސްތަކެއް ނޫންކަން މަނިކުފާނަށް އެނގިވަޑައި ގަންނަވާނެއެވެ. އެއީ އުޑުން ބާވައިލެއްވި އިލާހީ ވަހީގެ ބަސްފުޅުތަކެކެވެ. އަދި އެމީހުން ފަތިހާއި ރޭގަނޑު އެފޮތުން ކިޔަވާ އެއްޗެއްގެ މާނަ ދެނެގަތުމުގެ ގަދަފަދަ ޝައުގުވެރިކަމެއް މަނިކުފާނުގެ ހިތުގައި އުފެދޭނެއެވެ .
ސާހިބާ މެކްރޮން ..
މަނިކުފާނުގެ ހަޔާތުގައި އެންމެ ފަހަރަކުވެސް ކަލާނގެއަށް ސަޖިދައެއް ކުރެއްވިންތޯ އެވެ؟
މަނިކުފާނުގެ ނިތްކުރިފުޅު ދުވަހަކުވެސް ބިމުގައި ޖެއްސެވިންތޯ އެވެ.؟
މަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ހިނދު ދުވަހަކުވެސް ކަލާނގެއަށް ސިއްރުން ކަމަކަށް ދެންނެވިންތޯ އެވެ.؟
އަދި މުސްލިމުން ކަންކުރާ ބީދައިން މަނިކުފާނު ދުވަހަކުވެސް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރު ދެންނެވިންތޯ އެވެ.؟
މަނިކުފާނާ ކަނލާގެ، ކައިރިވެވޮޑިގެންވާކަމުގެ އިހުސާސް މަނިކުފާނަށް ދުވަހަކުވެސް ކުރެވުނު ތޯއެވެ؟
ސާހިބާ މެކްރޮން ..
އެމީހުންގެ އަންހެނުންނަކީ، ހަންގަނޑު ކަޅު ދެލިކޮޅަކަށް ވުރެން ބަޔެކެވެ. ނަމަވެސް، އެމީހުންގެ ހިތްތައް ކިރުފޮދެއް ފަދައިން ހުދެވެ.
އެކަނބަލުން ނިވައިކޮށްގެން ތިބެނީ އާދައިގެ ހެދުމުންނެވެ. ނަމަވެސް އެކަނބަލުންގެ ފިރިންގެ ލޮލުގައި، އެކަނބަލުންނަކީ އެންމެ ރީތި މީހުންގެ ތެރެއިންވެސް އެންމެ ރީތި ޖަވާހިރުތަކެވެ.
އެކަނބަލުން ހިލޭ ފިރިހެނުންނާ މަސްހުނިވެ ނޫޅެތެވެ. އަދި ހިލޭ ފިރިހެނުންނާ އެކަނިވެރިވެ ވެސް ނޫޅެތެވެ.
އަދި ފިރިމީހާ ގޭގައި ނޫޅޭ ވަގުތެއްގައި، އެއިން އެއްވެސް އަންހެނަކު އެހެން ފިރިހެނަކު ގެއަށް ވަނުމުގެ ހުއްދައެއް ނުދެތެވެ.
އެކަނބަލުން ރަލެއް ނުބޮއެވެ. ޖުވާއެއް ނުކުޅެއެވެ. އަދި ޒިނޭއެއް ނުކުރެއެވެ.
ސާހިބާ މެކްރޮން ..
މާލީގެ މުސްލިމުންނަކީ ހުރިހާ ނަބީބޭކަލުންނަށް އީމާންވާ ބަޔެކެވެ.
އެބައި މީހުން އަހުރެމެންގެ ގައުމުގެ މީހުންނަށް ވުރެ ބޮޑަށް ﷲގެ ނަބިއްޔާ އީސާގެފާނު ދެކެ ލޯބިވެތެވެ.
އަދި އެކަލޭގެފާނުގެ މަންމާފުޅު މަރްޔަމްގެފާނަށްވެސް އެހާމެ މާތްކޮށް ހިތަތެވެ.
އަހުރެންގެ ނަންވެސް ބަދަލުކޮށްފައި އެ ވަނީ އެ މާތް ކަމަނާއަށް ނިސްބަތްކޮށެވެ.
އެހެން ހެދީވެސް އެބައިމީހުން އެކަމަނާއަށް ބަހައްޓާ މަތިވެރި ލޯތްބާއި، ދޭ ގަދަރާއި، އެމީހުންގެ ގާތު އެކަމަނާގެ މަތިވެރި ދަރަޖައިގެ ސަބަބުންނެވެ.
ސާހިބާ މެކްރޮން ..
އަހަރެން އިސްލާމްވީ ކީއްވެގެންކަން މިހާރު މަނިކުފާނަށް ވިސްނިވަޑައިގެންފާނެއެވެ!
ކިޔުންތެރިންގެ ސަމާލުކަމަށް:
ތާރީޚީ ވާހަކަތަކަކީ ކުޑަކުދިން ނިންދަވަން ކިޔައިދޭ ވާހަކަތަކެއް ނޫނެވެ.
ނަމަވެސް އެއީ ބޮޑެތި ފިރިހެނުންނާއި ބޮޑެތި އަންހެނުން ހޭލައްވައި، ތައްޔާރުވުމަށްޓަކައި ކިޔައިދެވޭ ވާހަކަތަކެކެވެ.







