އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމެރިކާގެ ވަފުދުގެ ބޭފުޅުންނާއި ވައިޓް ހައުސްގެ ނޫސްވެރިން ބޭނުންކުރި ޗައިނާގެ އިލެކްޓްރޯނިކް ސާމާނާއި، ބެޖުތަކާއި އަދި ޗައިނާއިން ދިން ހަދިޔާތައް އެއާފޯސް ވަން ބޯޓަށް އެރުވުން މަނާކޮށް ކުރިން ކުނިވަށިގަނޑަށް އުކާލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގި މި ހާދިސާއަކީ ޖާސޫސީ މައުލޫމާތަށް ރައްކާތެރި ވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުނެއެވެ. ރައީސް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ބޭއްވުނު ބައްދަލުވުންތަކުގައި އާންމުންނަށް ފެނުނު އެކުވެރިކަމާ ޚިލާފަށް، އެމެރިކާގެ މި އަމަލުން ދޭހަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ ނުތަނަވަސްކަމެވެ.
ވައިޓް ހައުސްގެ ރިޕޯޓްތައް ބުނާގޮތުން، ބޯޓަށް އެރުވުން މަނާކުރި ތަކެތީގެ ތެރޭގައި ދަތުރުގައި ބޭނުންކުރުމަށް ޗައިނާއިން ދޫކުރި ވަގުތީ ސްމާޓްފޯނުތަކާއި، ވަފުދުގެ ބޭފުޅުން ބޭނުންކުރި ބެޖުތަކާއި، އަދި ހަނދާނީ ހަދިޔާގެ ގޮތުގައި ދިން ތަކެތި ހިމެނެއެވެ. "ޗައިނާގެ އެއްވެސް އެއްޗެއް ބޯޓަށް އެރުވުން މަނާ،" ނިއުޔޯކް ޕޯސްޓްގެ ކޮރެސްޕޮންޑެންޓް އެމިލީ ގުޑިން އެކްސްގައި ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ ވަފުދުން އަމަލުކޮށްފައިވަނީ ވަރަށް ވަރުގަދަ ޑިޖިޓަލް ލޮކްޑައުންއެއްގެ ދަށުންނެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުގެ އިރުޝާދުގެ މަތިން، ވަފުދުގެ ބޭފުޅުން އެ ބޭފުޅުންގެ އަމިއްލަ ލެޕްޓޮޕާއި ފޯނުތައް ވޮޝިންގްޓަންގައި ބޭއްވުމަށްފަހު، މުޅި ދަތުރުގައި ބޭނުންކޮށްފައިވަނީ ހަމައެކަނި ކަރުދާހުގައި ނޯޓްލިޔުމާއި ހާއްސަ ސެކިއުރިޓީ ފޯނުތަކެވެ.
ދަތުރުގެ ތެރޭގައި އެމެރިކާގެ ސީކްރެޓް ސާވިސް އާއި ޗައިނާގެ ސަލާމަތީ ބާރުތަކާ ދެމެދު ބައެއް ހަމަނުޖެހުންތައް ހިނގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި، ހަތިޔާރު އަޅައިގެން ހުރި އެމެރިކާގެ އޭޖެންޓަކު ވަނުން ޗައިނާގެ އޮފިޝަލުން ހުރަސްއެޅުމާއި، އެމެރިކާގެ ނޫސްވެރިން ރައީސްގެ މޮޓޯކޭޑާ އެކު ދިޔުމަށް ޗައިނާގެ ސަލާމަތީ ބާރުތަކުން ހުރަސްއެޅި ހާދިސާތައް ހިމެނެއެވެ.
ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް، ޗައިނާއިން ދިން ހަދިޔާތައް އުކާލުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު ނެތްކަން ހާމަވެގެންދިޔަ ކަމެކެވެ.





