ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވި މުހިންމު ސަމިޓަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓައިވާނުގެ މައްސަލާގައި ދީލާލައި ޓައިވާނުން ކުރިއަށް ގެންދާ މިނިވަންކަމުގެ ހަރަކާތްތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ޓްރަމްޕް ވަނީ ޓައިވާނަކީ ޖިއޮގްރަފީ ގޮތުން އެމެރިކާގެ ސިފައިންނަށް ވަދެގަންނަން "އުނދަގޫ މައްސަލައެއް"ގެ ގޮތުގައި ސިފަކުރައްވާފައެވެ.
ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ޗައިނާއަކީ ވަރަށް ބާރުގަދަ ބޮޑު ގައުމެއް ކަމަށާއި، ޓައިވާނަކީ ޗައިނާއާ އެންމެ 59 މޭލު ދުރުގައި އޮތް ކުޑަ ރަށެއް ކަމަށެވެ. ނަމަވެސް އެމެރިކާ އޮތީ 9،500 މޭލު ދުރުގައި ކަމަށް ވުމުން، އެ ސަރަހައްދުގައި ހަނގުރާމައެއް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަހަރެން ބޭނުމެއް ނޫން ބަޔަކު މިނިވަންވާން އުޅޭތީ 9،500 މޭލު ދުރަށް ހަނގުރާމައަކަށް ދާކަށް،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ރައީސް ޝީއާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ ޓައިވާނުގެ މައްސަލައަށެވެ. ޝީ ވަނީ ޓައިވާނަކީ ޗައިނާގެ އެންމެ މުހިންމު އިސްކަންދޭ މައްސަލަ ނުވަތަ "ރަތް ރޮނގު" ކަން ސާފުކޮށްދެއްވާފައެވެ. ޓްރަމްޕް ލަފާކުރައްވާ ގޮތުގައި އޭނާގެ ވެރިކަމުގައި ޗައިނާއިން ޓައިވާނަށް އަސްކަރީ ފިޔަވަޅެއް ނާޅާނެއެވެ. ނަމަވެސް އޭނާގެ ދައުރު ނިމުމުން އެފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.
ޓައިވާނަށް ދޭން ނިންމާފައިވާ 14 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީ މިހާރު ވަނީ މަޑުޖައްސާލާފައެވެ. ޓްރަމްޕް ހާމަކުރެއްވި ގޮތުގައި މިއީ ޗައިނާއާއެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި "ނެގޯޝިއޭޓިން ޗިޕް" އެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. މިއީ ޓައިވާނުގެ ދިފާއީ ކަންކަމަށް އެމެރިކާއިން އެހީތެރިވާން ޖެހޭނެ ކަމަށް ބުނާ 'ޓައިވާން ރިލޭޝަންސް އެކްޓް' އާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މިކަމާ ގުޅިގެން ޓައިވާނުގެ ރައީސް ލައި ޗިން-ޓޭ މީގެ ކުރިން ވިދާޅުވެފައިވަނީ ޓައިވާނަކީ މިހާރުވެސް މިނިވަން ދައުލަތެއް ކަމަށާއި، ވަކިން މިނިވަންކަން އިއުލާނު ކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ މި ވާހަކަތަކާއެކު ޓައިޕޭއިން ދަނީ އެމެރިކާގެ ސިޔާސަތަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންނެވެ.





