ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމީ ހަމާސް ޖަމާއަތުގެ އަސްކަރީ ހަރަކާތުގެ އެންމެ އިސް އެއް ޝަޚުސިއްޔަތު ކަމަށްވާ ޢިއްޒުއްދީން އަލްޙައްދާދު ޝަހީދުކޮށްލާފައިވާ ކަމަށް ޖެނޮސައިޑް ޔަހޫދީ ރެޖީމުން ބުނެފިއެވެ. ޝަހީދު އަލްހައްދާދަކީ ޣައްޒާގައި ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ ގައްސާމް ބްރިގޭޑްސްގެ އެންމެ އިސް ސަފުގައި ހިމެނޭ ބޭފުޅެކެވެ.
ޤައްސާމް ބްރިގޭޑަކީ ސޫރިޔާއިން ހިޖުރަކުރި އަޒުހަރީ ޝެއިޚެއް ކަމަށްވާ ޢިއްޒުއްދީން އަލްޤައްސާމަށް ނިސްބަތް ކޮށްފައިވާ ހަމާސްފގެ އަސްކަރީ ގޮފިއެވެ. އިނގިރޭސިން ޝަހީދުކޮށްލި ޝެއިޚު ޢިއްޒުއްދީން އަލްޤައްސާމަކީ ފަލަސްޠީނު އިނގިރޭސިންގެ އިސްތިއުމާރުން މިނިވަން ކުރުމުގެ ހަރަކާތުގެ ބާނީއެވެ.
ވޭތުވެދިޔަ މަސްތަކުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި، ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ގައްސާމް ބްރިގޭޑްސްގެ ފަރާތުން ދީފައިވާ އަސްކަރީ ރައްދުތަކުގައި އަލްޙައްދާދް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އިސްރާއީލުން އަލްޙައްދާދް ޝަހީދު ކުރިކަމަށް ދައުވާ ކުރި ނަމަވެސް، ހަމާސްގެ ފަރާތުން އަދި މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
އަލްހައްދާދު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފައި މިވަނީ، ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ވައިގެ މަގުން ދޭ ހަމަލާތަކާއި، ޑްރޯން އަދި ކުއަޑްކޮޕްޓަރު ބޭނުންކޮށްގެން ދޭ ހަމަލާތައް ހިމެނެއެވެ. މިހާރު ޖެނޮސައިޑް ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ މުޅި ބިމުގެ ގާތްގަނޑަކަށް 64 އިންސައްތަ ސަރަހައްދެއްގެ ކޮންޓްރޯލް ހޯދާފައެވެ.






