ޕާކިސްތާނުގެ މަސްތުވާތަކެތީގެ ނެޓްވޯކްތަކާ ދެކޮޅަށް ސިންދު ފުލުހުން ކާމިޔާބު ކޮށްފި

ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި ފުޅާދާއިރާއެއްގައި ހިންގަމުންދާ މަސްތުވާތަކެތީގެ ވިޔަފާރިއާއި ކާޓެލްތައް ހުއްޓުވުމަށް ސިންދު ޕްރޮވިންސްގެ ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަނަކީ އެ ޤައުމުގެ މަގުތަކުން ނުރައްކާތެރި މަސްތުވާތަކެތި ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވުނު ނަމަވެސް، ފުލުހުންގެ ތެރޭގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަކުގެ ސަބަބުން މިކަމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ބައެއް އިސް އޮފިސަރުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާ ގުޅުން އޮންނަކަމުގެ ތުހުމަތުގައި ސަސްޕެންޑް ކުރެވިފައެވެ. މިއީ މުޅި ނިޒާމުގެ ތެރޭގައި މިފަދަ ނުބައި ވިޔަފާރިތަކަށް އެހީތެރިވާ ކާޓެލެއް އުޅޭކަން ހާމަވެގެންދިޔަ ކަމެކެވެ. މީގެ ސަބަބުން މިފަހަރުގެ އޮޕަރޭޝަން ކާމިޔާބުވާނެ މިންވަރާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މި މައްސަލައިގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ "ޕިންކީ" ގެ ނަމުން މަޝްހޫރުވެފައިވާ އަންމޯލް ނަމަކަށް ކިޔާ މަސްތުވާ ތަކެތީގެ ވިޔަފާރީގައި އުޅޭ އަންހެނެއް ހައްޔަރުކުރުމާ ގުޅިގެންނެވެ.

އޭނާއަކީ ކަރާޗީގައި ވަރަށް ރޭވުންތެރިކަމާއެކު މަސްތުވާތަކެތި ފަތުރާ އެންމެ ބޮޑު އެއް ނެޓްވޯކް ހިންގާ ފަރާތް ކަމަށް ތުހުމަތު ކުރެވެއެވެ. ކޯޓަށް ހާޒިރުކުރި އިރު އޭނާގެ އަތުގައި ބިޑި އަޅުވާފައި ނުވުމާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާ ދެއްކި ބަސްމަގުން، އޭނާގެ ސިޔާސީ އަދި އިދާރީ ނުފޫޒު އޮތް މިންވަރު ހާމަވެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާއި ނުފޫޒުގަދަ ފަރާތްތަކާ ދެމެދު އޮތް ގުޅުން ހާމަކޮށްދޭ ކަމެކެވެ.

މިހާރު ކަރާޗީގެ މަގުތަކުގައި ކޮކެއިން، ހެރޮއިން، ގުތުކާ، ސަފީނާ އަދި "އައިސް" ފަދަ ނުރައްކާތެރި ތަކެތީގެ ވިޔަފާރި ވަނީ އާންމުވެފައެވެ.

ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭތީ، މި ތަކެތި ބެހުމާއި ގަތުމަކީ މިހާރު ވަރަށް ފަސޭހަ ކަމަކަށް ވަނީ ވެފައެވެ. ހައިރާންވާންޖެހޭ ކަމަކީ، މި ތަކެތީގެ ޝިކާރައަކަށް ވަނީ ހަމައެކަނި ފަގީރު ސަރަހައްދުތަކުގެ މީހުންނެއް ނޫނެވެ. އޭގެ ބަދަލުގައި ކިޔަވާ ކުދިންނާއި، އަންހެނުންނާއި، މުޖުތަމައުގެ މުއްސަނދި ފަންތީގެ މީހުންވެސް މި ނުރައްކާތެރި ވަބާގައި ޖެހެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ޕާކިސްތާނުގެ މި ނެޓްވޯކްތައް ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށ ްގައުމީ ފެންވަރުގައި ވަނީ ތައުރީފްތައް ލިބިފައެވެ.

ހިއްސާ ކުރައްވާ!