ޗައިނާއަށް ތެޔޮ ވިއްކުމުގައި އީރާނަށް އެހީތެރިވާ 12 ފަރާތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅިގެން ޗައިނާއަށް ތެޔޮ ވިއްކުމާއި އުފުލުމުގައި އެހީތެރިވެދޭ 12 ފަރާތަކަށް އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ސިފައިންނަށާއި އެ ގައުމުގެ މަދަދުވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ލިބޭ މައިގަނޑު އާމްދަނީގެ މަގުތައް ބަންދުކުރުމަށެވެ. މި ނެޓްވޯކުން އެކި ގައުމުތަކުގައި "ފްރަންޓް ކުންފުނިތައް" އުފައްދައިގެން، އައި.އާރު.ޖީ.ސީގެ ބައިވެރިވުން ސިއްރުކޮށް، ލިބޭ ފައިސާ އީރާނުގެ ސަރުކާރަށް ފޮނުވަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެމެރިކާގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި މި ފައިސާ ބޭނުންކުރަނީ ހަތިޔާރު އުފެއްދުމަށާއި، މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވުމަށެވެ.

ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ "އިކޮނޮމިކް ފިއުރީ" ގެ ނަމުގައި ހިންގާ މި ކެމްޕޭނުގެ ސަބަބުން އީރާނަށް ލިބެން އޮތް ބިލިއަނުން ޑޮލަރުގެ އާމްދަނީއަށް މިހާރުވެސް ހުރަސްއެޅިފައިވާ ކަމަށެވެ. މީގެ އިތުރުން އީރާނާ ގުޅުންހުރި 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ކްރިޕްޓޯކަރަންސީ އެސެޓްތައް ވެސް ވަނީ ހިފަހައްޓާފައެވެ.

މި ފަހަރުގެ ފިޔަވަޅުތަކުގެ ތެރޭގައި، އީރާނުގެ މަދަދުލިބޭ ޖަމާއަތްތަކާއެކު ތެޔޮ ވިއްކުމުގެ މުއާމަލާތްތައް ހިންގި އިރާގުގެ ކޮރަޕްޓް އޮފިޝަލަކުވެސް ހިމެނެއެވެ. މީގެ އިތުރުން، ޗައިނާގެ މިނިވަން ރިފައިނަރީތަކާ ގުޅުންހުރި ބޭންކުތަކާއި އެއާލައިންތަކުން އީރާނާއެކު ގަވާއިދާ ހިލާފު ވިޔަފާރި ކުރާނަމަ، އެ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވޮޝިންގްޓަނުން ވަނީ ދީފައެވެ.

އެމެރިކާއިން މި ފިޔަވަޅުތައް އަޅާފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހުރުމްޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ދަތިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ތެލުގެ ބާޒާރަށް އައި މި ބަދަލާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ހަކަތައިގެ ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ހިއްސާ ކުރައްވާ!