ޓްރަމްޕާއި ޝީގެ ބައްދަލުވުމުގައި އިންސާނީ ހައްގުތަކުގެ ވާހަކަ އެޖެންޑާއަކު ނެތް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް މި ހަފުތާގައި ބެއިޖިންގްގައި ބޭއްވި މުހިންމު ސަމިޓުގައި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް މަޝްވަރާ ކުރެވިފައެއް ނުވެއެވެ. މީގެ ކުރީގެ ސަމިޓްތަކުގައި އެމެިރކާއިން މި ކަމަށް ބާރު އަޅައެވެ. ނަމަވެސް މިއިން ފެނިގެން ދަނީ ބައިނަލްއަގްވާމީ އެޖެންޑާ އެކުލަވާލުމުގައި އެމެރިކާގެ ފަނޑުވަމުންދާ ބާރުވެރިކަމެވެ.

ދެ ގައުމުގެ ސަރުކާރަށް ވެސް އިންސާނީ ހައްގުތަކާ ޚިލާފުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކާއި ފާޑުކިއުންތަކެއް ބައިނަލްއަގުވާމީ މުޖުތަމައުން އަމާޒު ކުރަމުން ދެއެވެ. އެހެންވެ ބައެއް ފަހަރަށް ޗައިނާއަށް ވުރެން ބޮޑަށް އެމެރިކާގައި އިންސާނީ ހައްގު ނުިގުލައި ގަނެވޭ ކަމަށް ބެލެވެއެވެ.

މި ސަބަބާ ހެދި ޝީ އާއި ޓްރަމްޕްގެ އެޖެންޑާއިން ވަނީ މި މައުޟޫއު މުޅިން އުނިކޮށްފައެވެ.

"ދަ ޑިޕްލޮމެޓް" ނޫހުން ރިޕޯޓްކުރާ ގޮތުގައި، މި ސަމިޓުގައި ދެ ގައުމުގެ ލީޑަރުން ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައި ވަނީ އިގްތިސާދީ ވިޔަފާރީގެ މުއާމަލާތްތަކަށާއި ސްޓްރެޓެޖިކް އެހެން މައްސަލަތަކަށެވެ.

މިސަމިޓް ނިމިގެން ދިޔައީވެސް ބަޔާނަކާ ނުލައެވެ. އެމެރިކާއިން ބޭނުންވި އެއްވެސް ކަމެއް ހާސިލު ވެފައި ނުވާ ކަމަށް މުހައްލިލުން ދެކެއެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކުގެ ކަންބޮޑުވުންތައް މި ބައްދަލުވުމުގެ އެޖެންޑާގައި އެއްވެސް މިންވަރަކަށް ހިމަނާފައި ނުވާތީ އެކަމާ މެދު އެމެރިކާއަށް ފާޑު ކިޔުންވެސް އާންމު ވެފައި ވެއެވެ.

މި ދާއިރާގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މި ބައްދަލުވުމުން ހާމަވަނީ ޒިންމާދާރުވުމުގެ ބަދަލުގައި ދެ ގައުމުން ވެސް އިސްކަންދެނީ އެ ބަޔަކަށް ލިބޭނެ މަންފާތަކަށް ބަލައިގެން ކުރިއަށްގެންދާ ޚާރިޖީ ސިޔާސަތަކަށެވެ. މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ދެމެހެއްޓުމަށް ދެ ގައުމަށް ލިބުނު މުހިންމު ފުރުސަތެއް ނަމަވެސް، ދެ ލީޑަރުން ވެސް ވަނީ އެ މައުޟޫއުތަކަށް ފުރުސަތު ނުދީ ދޫކޮށްލާފައެވެ.

މި ސަމިޓަކީ ބައިނަލްއަގުވާމީ ގޮތުން ބޮޑު ސަމާލުކަމެއް ލިބިފައިވާ ބައްދަލުވުމަކަށް ވީއިރު، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިއްސާ ކުރައްވާ!