ނަކްބާގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވައިފި

1948 ވަނަ އަހަރު ޣަދަރުވެރި ޓެރަރިސްޓް ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލި "ނަކްބާ" ގެ ކާރިސާއަށް 78 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މި ހަފްތާ ބަންދުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިރަށްތަކުގައި އެތައް ލައްކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ. ޣައްޒާގެ މިހާރުގެ ހާލަތާއި ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން މިއަހަރުގެ އެއްވުންތަކުގައި ބައިވެރިވި މީހުންގެ އަދަދު ވަނީ ނިސްބަތުން އިތުރުވެފައެވެ.

ލަންޑަނުގައި ބޭއްވި ބޮޑު ހިނގާލުން

ލަންޑަނުގައި ބޭއްވި ހިނގާލުމުގައި ގާތްގަނޑަކަށް ދެލައްކަ ފަންސާސް ހާސް މީހުން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕަލަސްތީން ސޮލިޑާރިޓީ ކެމްޕޭން އިން އިންތިޒާމުކުރި މި ހިނގާލުމުގައި ބައިވެރިން ވަނީ ފަލަސްތީނުގެ ރައްޔިތުން އެނބުރި ވަޒަނަށް ދިއުމުގެ ހައްގަށާއި، އިނގިރޭސިވިލާތުން ޓެރަރިސްޓް ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލާފައެވެ. މި އެއްވުން ކޮންޓްރޯލް ކުރުމަށްޓަކައި 4،000 އަށްވުރެ ގިނަ ފުލުހުންނާއި ޑްރޯންތައް ބޭނުންކޮށްފައިވާއިރު، މަދުވެގެން 31 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މެޓްރޯޕޮލިޓަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޖަރުމަނުގައި ކަރާ ގެންގުޅުން މަނާކުރުން

ޖަރުމަނުގެ ބާލިންގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ޖަރުމަން ސަރުކާރުން ވަނީ އެއްވުމުގައި ކަރާ ނުވަތަ ކަރާ ރަމްޒުކޮށްދޭ ފޮޓޯ ގެންގުޅުމަކީ މަނާ ކަމެއް ކަން ކަނޑައަޅާފައެވެ. ކަރާއަކީ ފަލަސްޠީނު މީހުންގެ ރަމްޒެކެވެ.

އަލްޖަޒީރާއިން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބާލިންގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ޕެޕަރ ސްޕްރޭއާއި ބާރުގެ ބޭނުންކޮށްފައެވެ.

މީގެ އިތުރުން ފްރާންސްގެ ޕެރިހާއި، ސްވިޑަންގެ ސްޓޮކްހޯމް އަދި ގްރީސްގެ އެތެންސްގައި ވެސް ބޮޑެތި އެއްވުންތައް ވަނީ ބާއްވާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުން

މި އަހަރީ ދުވަހާ ގުޅިގެން އދ. ގެ ނިއުޔޯކް ހެޑްކުއާޓާާސްގައި ވަނީ ޚާއްސަ ސެޝަނެއް ބާއްވާފައެވެ. މި ސެޝަންގައި ނަކްބާގެ ތާރީޚީ މައުލޫމާތާއި، އޭގެ އަސަރު ފޯރާފައިވާ އާއިލާތަކުގެ ވާހަކަތައް ހިއްސާކޮށްފައިވެއެވެ. ސަލާމަތީ މާހިރުން ފާހަގަކުރާ ގޮތުގައި، އިސްރާއީލް-ފަލަސްތީނު މައްސަލައިގައި އާންމުންގެ ޝައުގުވެރިކަން މިހާރު ވަނީ މީގެ ކުރިން ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަށް އުފުލިފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އުތުރު އެމެރިކާ، މެދުއިރުމަތި އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ވެސް މިފަދަ ބޮޑެތި މުޒާހަރާތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައި ވެއެވެ.

ހިއްސާ ކުރައްވާ!