ޗައިނާގެ ހޫނާން ޕްރޮވިންސަށް އުފަން ޖޯ ކުންފެއި އަކީ މިއަދު ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެއް އަންހެން ވިޔަފާރިވެރިޔާއެވެ. ނަމަވެސް އޭނާގެ ފެށުން އައީ ވަރަށް ނިކަމެތި ހާލަތަކުންނެވެ. އުމުރުން އެންމެ 5 އަހަރުގައި މަންމަ ވަކިވެ، ބައްޕަގެ ލޮލުގެ ފެނުން ގެއްލިފައިވީ ނަމަވެސް، އޭނާ ވަނީ ފަގީރުކަމުން އަރައިގަތުމަށް ވަރުގަދައަށް މަސައްކަތް ކޮށްފައެވެ. އުމުރުން 15 އަހަރުގައި ޝެންޒެންއަށް ހިޖުރަކޮށް، ގަޑީގެ ބިއްލޫރި އުފައްދާ ފެކްޓްރީއެއްގައި އާދައިގެ ވަޒީފާއެއްގައި އޭނާ މަސައްކަތް ފެށިއެވެ.
ފެކްޓްރީގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ޖޯ ވަނީ ރޭގަނޑު ކިލާސްތަކަށް ގޮސްގެން ކިޔަވާފައެވެ. އެކައުންޓިން، ކޮމްޕިއުޓިން އަދި ކަސްޓަމްސް ކްލިއަރެންސް ފަދަ ދާއިރާތަކުން އޭނާ ސެޓްފިކެޓްތައް ހާސިލް ކުރިއެވެއެވެ. ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ ފެކްޓްރީގެ މެނޭޖަރުގެ މަގާމަށް އަރާފައެވެ. ނަމަވެސް، ކުންފުނީގައި އާއިލީ މީހުންނަށް އިސްކަންދީ ގެންގުޅޭ ތަފާތުކުރުންތަކާ ހުރެ ޕްރޮމޯޝަން ނުލިބުމުން، އޭނާ ވަނީ ވަޒީފާއިން ވަކިވެ، އަމިއްލަ މަސައްކަތެއް ފެށުމަށް ނިންމި އެވެ. 2000 ވަނަ އަހަރު، އެންމެ 20،000 ޔުއާން އާއި އާއިލާގެ 8 މެންބަރުންނާއެކު ކުޑަ އެޕާޓްމަންޓެއްގައި އޭނާގެ އަމިއްލަ ވިޔަފާރިއެއް ފެށިއެވެ.

ޖޯގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ އެހެން މީހުންނަށް ނުވާނެ ކަމަށް ބުނާ ކަންކަމާ އޭނާއަށް ކުރިމަތިލާން ކެރުމެވެ.
2003 ވަނަ އަހަރު މޮޓޯރޯލާ އިން އެ މީހުންގެ ވީ3 މޮޑެލްގެ' ފޯނަށް ބޭނުންވި ތުނި ބިއްލޫރި އުފެއްދުމަށް ދުނިޔޭގެ ހުރިހާ ފެކްޓްރީތައް ބަލައި އެކަން ކޮށްދޭނެ ބަޔަކު ހޯދިއެވެ. އެންމެވެސް އެކަމަށް އިންކާރު ކުރިއިރު، އެ މަސައްކަތާ ހަވާލުވީ ޖޯ އެވެ. އެ ފޯނުގެ 100 މިލިއަނަށްވުރެ ގިނަ ފޯނު ވިކިގެން ދިޔައެވެ.
އެއަށްފަހު،، 2007 ވަނަ އަހަރު ފުރަތަމަ އައިފޯން އުފެއްދުމަށް ސްޓީވް ޖޮބްސް ބޭނުންވި އިރު އޭނާވެސް އޭނާގެ ފޯނަށް ވަރުގަދަ ބިއްލޫރި އުފައްދައިދޭނެ ކުންފުންޏެއް ހޯދުމަށް މަސައްކަތް ކުރިއެވެ. އެޕަލްގެ އިންޖިނޭރުން މުޅި ދުނިޔެ އަތްފުނާ އަޅައި ބެލިއިރު، އެކަން ކުރަން ކެރުނީ ހަމައެކަނި ޖޯ އަށެވެ.
މިއަދު ޖޯގެ ލެންސް ޓެކްނޮލޮޖީ ކުންފުންޏަކީ އެޕަލް، ޓެސްލާ، މާސިޑީޒް އަދި ބީއެމްޑަބްލިއު ފަދަ ބިޔަ ކުންފުނިތަކަށް ބިއްލޫރި އާއި ސްމާޓް ޑިސްޕްލޭ ފޯރުކޮށްދޭ މުހިންމު ކުންފުންޏެވެ.
އޭނާގެ ކާމިޔާބީގެ ފަލްސަފާއަކީ ދިމާވާ ގޮންޖެހުންތަކަށް އާނބަސް ބުނެ ހައްލު ހޯދުމަށް މަސައްކަތް ކުރުމެވެ.
ޖޯ ބުނާ ގޮތުގައި، "އެހެން މީހުންނަށް ނުވާނެ ކަމަށް ފެންނަ ކަންކަމާއި، އެންމެން ފިލަން ދުވާ މަސައްކަތްތަކާ ހަވާލުވާށެވެ. ގޮންޖެހުންތަކާ ކުރިމަތިލުމުން އެކަމުން ކާމިޔާބު ހޯދާނެ ގޮތް ދަސްވާނެއެވެ."
އޭނާ ގަބޫލުކުރާ ގޮތުގައި ފުރުސަތުތަކަކީ އެހެން މީހުން ދޫކޮށްލާ ކަންކަމުގެ ތެރެއިން ހޯދައިގަނެވޭ އެއްޗެކެވެ.





