އިސްރާއީލުގެ ދިފާއީ ކުންފުންޏެއްގެ ކައިރީގައި ބާރުގަދަ ގޮވުމެއް ގޮވައިފި

އިސްރާއީލުގެ ދިފާއީ ސިނާއަތާ ގުޅުންހުރި ކުންފުންޏެއްގެ ކައިރީގައި ބާރުގަދަ ގޮވުމެއް ގޮވައި، އޭގެ އަލިފާނުގެ އަސަރު ދުރު ސަރަހައްދުތަކަށް ފެނިއްޖެއެވެ. ޔަހޫދީ މީޑިއާން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހގިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ގުދުސްގެ ހުޅަނގު ސަރަހައްދެއް ކަމަށްވާ ބެއިތު ޝެމޭޝްގައެވެ.

މި ގޮވުން ގޮވާފައިވަނީ ވަރަށް ނާޒުކު އަދި ހައްސާސީ މަސައްކަތްތަކެއް ކުރާ މަރުކަޒެއްގައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި ފެކްޓްރީއަކީ ހެވީ އަދި ލައިޓް ރޮކެޓް އިންޖީނުތައް އުފައްދާ ތަނެކެވެ. އޭގެ ތެރޭގައި އެރޯ ސިލްސިލާގެ ރޮކެޓް އިންޖީނުތަކާއި، ބަރަކް 8 އަދި ބަރާކް އެމްއެކްސް މިސައިލްތަކުގެ އިންޖީނުތައް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ސިފައިން ވަނީ އެ ސަރަހައްދަށް ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު ވަނުން މަނާކޮށްފައެވެ. ރަޝިޔާގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގޮވުން ގޮވަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. އަދި މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެ ސަރަހައްދުގެ ރައްޔިތުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ގޮވުމުގެ އަޑު ވަރަށް ބާރަށް އިވުނުއިރު، ދުރު ސަރަހައްދުތަކަށް އަލިފާނުގެ މަންޒަރުތައް ފެނިފައިވެއެވެ. ނަމަވެސް އިސްރާއީލުގެ ބައެއް އޮފިޝަލުން ފަހުން ބުނެފައިވަނީ މިއީ "ކޮންޓްރޯލްޑް" ގޮވުމެއް ކަމަށާއި، މިއީ މަދަނީ ފެކްޓްރީއެއްގެ ތެރޭގައި ރޭވިގެން ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.

ކޮންޓްރޯލްޑް ގޮވުމެއް ކަމަށް ބުނި ނަމަވެސް، ކައިރި ސަރަހައްދުތަކުގެ ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ކުރިން ދީފައި ނުވާތީ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދިފައެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި ހާލަތު މިހާރު އޮތީ އާންމު ހާލަތުގައި ކަމަށެވެ.

ހިއްސާ ކުރައްވާ!