ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އެބޯލާގެ އައު ރޯގާގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހުން މަރުވެފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި މިއަދު އާދީއްތަ ދުވަހު ކަނޑައަޅައިފިއެވެ. އެފްރިކާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ އެފްރިކާ) އިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް 88 މީހުން މަރުވެފައިވާއިރު، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 336 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މިފަހަރު ފެތުރެމުންދަނީ އެބޯލާގެ 'ބަންޑިބުގްޔޯ' ސްޓްރެއިން ކަމަށްވާއިރު، މި ވައިރަހަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް ރޮޖާ ކަމްބާ ވިދާޅުވި ގޮތުގައި މި ސްޓްރެއިންގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް 50 އިންސައްތައަށް އަރައެވެ. މިހާރު ބޭނުންކުރަމުންދާ ވެކްސިންތަކަކީ ހަމައެކަނި 'ޒައިރް' ސްޓްރެއިންއަށް އަމާޒުކޮށްފައިވާ ވެކްސިންތަކެކެވެ.
ބަލި ފެތުރެމުންދާ އިޓޫރީ ޕްރޮވިންސްގެ މަސްއޫލުވެރިން ބުނާ ގޮތުގައި ހާލަތު ވަރަށް ނުރައްކަލެވެ. މަދަނީ ޖަމްއިއްޔާގެ މަންދޫބެއް ކަމަށްވާ އައިޒަކް ނިޔަކުލިންޑާ ބުނި ގޮތުގައި، "ބަލިމީހުން އެކަހެރިކުރާނެ ތަނެއް ނެތުމުން، މީހުން މަރުވަމުންދަނީ ގޭގައެވެ. އަދި އެމީހުންގެ ހަށިގަނޑުތަކާ އާއިލާގެ މީހުން ހަވާލުވަމުންދިއުމަކީ ބަލި އިތުރަށް ފެތުރެން މެދުވެރިވާ ކަމެކެވެ."
މި ރޯގާގެ 'ޕޭޝަންޓް ޒީރޯ’، ފުރަތަމަ ބަލިޖެހުނު މީހަކީ އޭޕްރިލް 24 ގައި ބަލީގެ އަލާމާތްތަކާއެކު ރިޕޯޓްކުރި ނަރުހެކެވެ. އެބޯލާގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ހޮޑުލުމާއި އަދި ހަށިގަނޑުގެ އެކި ތަންތަނުން ލޭއައުން ހިމެނެއެވެ. މި ބަލި މިހާރު ވަނީ އަވަށްޓެރި ޔުގެންޑާއަށްވެސް ފެތުރިފައެވެ.
ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފައިވާ ގޮތުގައި ބަލިޖެހިފައިވާ މީހުންގެ ހަގީގީ އަދަދު މިއަށްވުރެ މާ ގިނަވުން އެކަށީގެންވެއެވެ. މެޑިކަލް އެއިޑް ގްރޫޕް ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ދަނީ ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވަމުންނެވެ. ނަމަވެސް ކޮންގޯގެ ދަތުރުފަތުރާއި މުވާސަލާތީ އިންފްރާސްޓްރަކްޗަރ ބަލިކަށިވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.
މިއީ ޑީއާރުސީގައި އެބޯލާ ފެތުރޭ 17 ވަނަ ފަހަރެވެ. ވައިރަސް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔަވަރެއްގެ ސަބަބުންނެވެ. ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އަލާމާތްތައް ފެންނަން 21 ދުވަސް ނަގައެވެ. ދުނިޔޭގެ ސިއްހީ މާހިރުން ދަނީ މި ރޯގާ ކޮންޓްރޯލް ކުރުމަށް ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.







