ބަންގްލަދޭޝް އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ މުސްތަގުބަލު ބިނާވެފައިވަނީ ގަންގާ ކޯރުގެ ފެން ހިއްސާކުރުމާ ގުޅޭގޮތުން ވެވޭ އާ އެއްބަސްވުމެއްގެ މައްޗަށް ކަމަށް ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުނެފިއެވެ. އެ ޕާޓީން ވަނީ ބަންގްލަދޭޝްގެ ރައްޔިތުންގެ ބޭނުންތަކާއި އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާ އެއްބަސްވުމެއް އެކުލަވާލުމަށް އިންޑިއާއަށް ގޮވާލާފައެވެ.
އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު 1996 ވަނަ އަހަރު ސޮއިކުރި ގަންގާ ފެން ހިއްސާކުރުމުގެ އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. މި އެއްބަސްވުމަކީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދައުރުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ޑާކާގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް އަދި މިނިސްޓަރ އޮފް ރޫރަލް ޑިވެލޮޕްމަންޓް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު ވިދާޅުވީ، އިންޑިއާއާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރުމުގެ ފުރުސަތު ބިނާވެފައިވަނީ ގަންގާ ފެން ހިއްސާކުރުމުގެ ނުވަތަ ފަރައްކާ އެއްބަސްވުމުގެ މައްޗަށް ކަމަށެވެ. އަދި އާ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން މިހާރު އޮތް އެއްބަސްވުމަށް އަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އާލަމްގީރު އިތުރަށް ވިދާޅުވީ، "އިންޑިއާއަށް އަޅުގަނޑުމެން ދޭން ބޭނުންވާ ސާފު މެސެޖަކީ، ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގޮތަށް މަޝްވަރާގެ ތެރެއިން އާ އެއްބަސްވުމެއް ފައިނަލް ކުރަންޖެހޭނެ ކަމެވެ." އަދި ކުރިއަށް އޮތް ތަނުގައި ފެން ހިއްސާކުރުމުގެ އިންތިޒާމުތަކަކީ ވަކި މުއްދަތަކަށް ހަނިކުރެވިފައިވާ އެއްބަސްވުންތަކަކަށް ވެގެންނުވާނެ ކަމަށްވެސް އޭނާ ލަފާދެއްވިއެވެ.
ގަންގާ ކޯރަކީ ބަންގްލަދޭޝްގެ ދަނޑުވެރިކަމާއި، ދިރުންތަކުގެ ނިޒާމާއި، ފެން ފޯރުކޮށްދިނުމުގެ ނިޒާމަށް ނުހަނު މުހިންމު ކޯރެކެވެ.
ބަންގްލަދޭޝްގެ 170 މިލިއަން މީހުންގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅުމަށްޓަކައި މި ކޯރުގެ ނިޒާމަށް ބަރޯސާވެއެވެ. އިންޑިއާއިން ބަންގްލަދޭޝްއަށް ވަންނަ ނުވަތަ އެ ގައުމުގެ ތެރެއިން ދަތުރުކުރާ 54 ކޯރެއް ހިމެނޭއިރު، ބަންގްލަދޭޝްއަކީ ބޯޑަރު ހުރަސްކޮށް އަންނަ ފެން ހިއްސާކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ.





