ޙަމާސްގެ އާ ލީޑަރަކު ހޮވުމުގެ އިންތިޚާބު ދެވަނަ ބުރަކަށް

ފަލަސްތީނުގެ އިސްލާމީ މުގާވަމާ ޖަމާއަތް، ޙަމާސްގެ ސިޔާސީ ގޯފީގެ އާ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުން ނަތީޖާއެއް ނުނިކުތުމާ ގުޅިގެން، ދެވަނަ ބުރަކަށް ދާން ނިންމައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޝަހީދުކޮށްލެވުނު ބަޠަލް ޔަޙްޔާ ސިންވާރުގެ ބަދަލުގައި އާ ލީޑަރަކު އައްޔަންކުރުމަށް ބާއްވާ އިންތިޚާބެކެވެ.

ޙަމާސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖަމާއަތުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުން ވަކި ގޮތެއް ނިމިފައިނުވާ ކަމަށެވެ. އެހެންކަމުން، ކަނޑައެޅޭ ވަކި ތާރީޚެއްގައި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ޖުލައި މަހު އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ޙަމާސްގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތީ ޝަހީދު ބަޠަލް ޔަޙްޔާ ސިންވާރެވެ. ނަމަވެސް، ޣައްޒާގެ ދެކުނުގެ ރަފަޙް ސިޓީގައި އިސްރާއީލް ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ސިންވާރު ވަނީ ޝަހީދު ކޮށްފައެވެ. ޚަބަރުތައް ބުނާގޮތުން، މިހާރު މި މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވަނީ ޚާލިދު މަޝްޢަލް އާއި ޚަލީލް އަލްޙައްޔާއެވެ.

ޙަމާސްގެ ސިޔާސީ ގޮފީގެ ރައީސްގެ މީޑިއާ މުޝީރު ތާހިރު އައްނުނޫ ވިދާޅުވި ގޮތުގައި، އިސްރާއީލުން ހިންގާ އަވަހާރަކޮށްލުމުގެ އަމަލުތަކުގެ ސަބަބުން ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ މަސައްކަތް ޖަމާއަތުން މިހާރު ވަނީ ފަށާފައެވެ. އަދި އިންތިޚާބުގެ ހުރިހާ މަރުހަލާއެއް ނިމުމުން، ނަތީޖާ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްނުނޫ އިތުރަށް ތަފްސީލްކޮށްދެއްވި ގޮތުގައި، ޙަމާސްގެ އިންތިޚާބީ ނިޒާމަކީ ވަކިވަކި ފަރުދުން އަމިއްލައަށް ކުރިމަތިލާ ނިޒާމެއް ނޫނެވެ. އޭގެ ބަދަލުގައި، ކައުންސިލްގެ ހުރިހާ މެންބަރުންނަކީ ވެސް ކެންޑިޑޭޓުން ކަމަށް ބެލެވޭނެ ކަމަށާއި، ގޮތް ނިންމާނީ ވޯޓުލާ މެންބަރުންގެ އިއްތިފާގުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އިންތިޚާބުގެ ބައެއް މަގާމުތަކަށް މީހުން ހޮވިފައިވީ ނަމަވެސް، ފަހުގެ ނަތީޖާ އިއުލާންކުރުމުގެ އިޚްތިޔާރު އޮތީ ހަމައެކަނި އިންތިޚާބީ ކޮމިޓީއަށް ކަމަށް ޙަމާސް އިން ބުނެއެވެ. މިއީ ސަރަހައްދީ ގޮތުންނާއި ޖަމާއަތުގެ އެތެރޭގެ ހާލަތު ނާޒުކު ދަނޑިވަޅެއްގައި އޮތުމުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!