ޑޮނަލްޑް ޓްރަމްޕްގެ އަމާނާތްތެރިކަމާ މެދު އެމެރިކާ މީހުން ސުއާލު ކުރަން ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުވަތަ އޭނާގެ މާލީ މުޝީރުން، 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 3،700 އަށްވުރެ ގިނަ ހިއްސާގެ މުއާމަލާތް ކުރައްވާފައިވާކަން ހާމަވުމާ ގުޅިގެން، ވޯލް ސްޓްރީޓްގެ ތަޖުރިބާކާރުންނަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ.

ބްލޫމްބާގް ނިއުސްއިން އެންމެ ފުރަތަމަ ރިޕޯޓްކުރި މި މާލީ ބަޔާންތަކުން ހާމަވާގޮތުގައި، ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް އެމެރިކާގެ ޓެކްނޮލޮޖީ، ފައިނޭންސް، އެއަރޯސްޕޭސް އަދި މީޑިއާ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ދިހަވަރަކަށް މިލިއަން ޑޮލަރުގެ ހިއްސާގެ މުއާމަލާތް ޓްރަމްގެ ފަރާތުން ވަނީ ކޮށްފައެވެ. މި ހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މުއާމަލާތް ވަނީ ހިންގާފައެވެ.

މިހާ ގިނަ އަދަދެއްގެ ވިޔަފާރި މުއާމަލާތްތަކެއް ކުރުމާ ގުޅިގެން، މަގާމުގައި ހުންނަވާ ރައީސަކު މިފަދަ ކަންކަމުގައި ބައިވެރިވުމަކީ އަޚުލާގީ ގޮތުން ކިހާވަރެއްގެ ކަމެއްތޯ އާއި، މިއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދާ ނާޖާއިޒު ފައިދާއެއްތޯ ސުވާލު އުފެދި، ވޮޝިންގޓަންގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.

މި މުއާމަލާތްތަކަކީ މުޝީރުން މެދުވެރިކޮށް ހިންގާފައިވާ ކަންކަން ކަމަށް ވީނަމަވެސް، މަސްލަހަތު ފުށުއަރާ ފަދަ ކަންކަން ހުރުމުން ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ރައީސް ޓްރަމްޕްގެ ފަރާތްޕުޅުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!