އެއާ ޝޯއެއްގެ ތެރެއިން އެމެރިކާގެ ދެ ފައިޓާ ޖެޓް ޖެހި ގޮވައިފި: ކުރޫއިން ސަލާމަތްވެއްޖެ

އެމެރިކާގެ އައިޑާހޯގައި ހުންނަ މައުންޓަން ހޯމް އެއާފޯސް ބޭހުގައި ކުރިއަށްދިޔަ "ގަންފައިޓާ ސްކައިސް" އެއާ ޝޯގެ ތެރެއިން، އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ ފައިޓާ ޖެޓެއް ވައިގެ ތެރޭގައި މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި އެކްސިޑެންޓްވީ ޔޫއެސް ނޭވީގެ "އީއޭ-18ޖީ ގްރޯލާ" މަރުކާގެ ދެ ބޯޓެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ބޯޓު ވައިގެ ތެރޭގައި ޖެހުމާއެކު ބޯޓުތައް ކުދިކުދިވެ، ބޮޑު ގޮވުމަކާއެކު އަޑުއިވިފައި ވއެވެ. ނަމަވެސް، މި ނުރައްކާތެރި ވަގުތު ބޯޓުތަކުގައި ތިބި ހަތަރު ކުރޫއިން ވަނީ ކާމިޔާބުކަމާއެކު ބޯޓުން ފުންމާލައި، ޕެރަޝޫޓްގައި ބިމަށް ފައިބާފައެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގެ ގަޑިން މެންދުރުފަހު 12:30 އެހާކަންހާއިރުއެވެ. ބޯޓުތައް ވެއްޓުނު ސަރަހައްދުން ބޯ ކަޅު ދުންތައް އަރަމުންދިޔައިރު، އެއާފޯސް ބޭހާ ގާތްގަނޑަކަށް ދެ މޭލު ބޭރުގައި އޮތް މި ސަރަހައްދަށް އިމަޖެންސީ ޓީމުތަކުން ވަނީ ވަގުތުން ދަތުރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެއާފޯސް ބޭސް ވަގުތުން ލޮކްޑައުން ކުރެވުނުއިރު، ކުރިއަށްދިޔަ އެއާ ޝޯވެސް ވަނީ މެދުކަނޑާލާފައެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް ނުވަތަ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އެމެރިކާގެ އެއާފޯސް އިންނާއި ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ކަމާބެހޭ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.

ހިއްސާ ކުރައްވާ!