ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަރިމައިވާ ނިސްބަތުގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވަމުންދާއިރު، މީގެ ފަހަތުގައިވާ ސަބަބަކީ ނިދަން ތިބޭޑ އިރު ދެމަފިރިން ސްމާޓްފޯނާއި ސޯޝަލް މީޑިއާއަށް ގެއްލިފައި ތިބުން ކަމަށްވެދާނެތީ ދިރާސާވެރިން އެކަން ބަލަން ފަށައިފިއެވެ. ގިނަ ގައުމުތަކަކުން މި ޒަމާނު ރިޕޯޓްކުރަމުންދަނީ ތާރީޚުގައި ވެސް އުފަންވާ ކުދިންގެ އަދަދު އެންމެ ދަށްވި ދުވަސްވަރުގެ ގޮތުގައެވެ.
މި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތިރީސް އަހަރު ކުރިން އިންޑިއާގެ އަންހެނަކަށް އެވްރެޖްކޮށް 3.4 ކުދިން ލިބޭއިރު، މިހާރު އެ އަދަދު ވަނީ 2.0 އަށް ދަށްވެފައެވެ. މިއީ ހިޖުރަކުރުމަކާ ނުލައި ގައުމެއްގެ އާބާދީގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ "ރިޕްލޭސްމަންޓް ލެވެލް" އަށްވުރެ ދަށް އަދަދެކެވެ.
އިންޑިއާއަކީ ގާނޫނުން އަންހެނުންނަށް ވަގުރަދައަށް ހައްގުތައް ދީފައި ނިދާކޮޓަރީގެ މުއާމަލާތްތައްވެސް ކޮންޓްރޯލު ކޮށްފައިވާ ގައުމެއް ކަމުން ކައިވެނި ކުރިނަމަވެސް ދެމަފިރިން ޒަވާޖީ މުއާމަލާތުން އެކަހެރިވެގެން ދިރިއުޅެއެވެ.
ދަރިމައިވާ ނިސްބަތް ދަށްވުމުގެ އޮއިވަރު ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާއިރު، ބައެއް ގައުމުތަކުގައި ކޮންމެ އަންހެނަކަށް އެވްރެޖްކޮށް ލިބޭ ކުދިންގެ އަދަދު އުޅެނީ އެކަކާ ގާތްކުރާ މިންވަރެއްގައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ދަރިން ނުހޯދާ އަންހެނުންގެ އަދަދު ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި މި ބަދަލު އަންނަން ދިމާވާ މައިގަނޑު ސަބަބަކީ ސްމާޓްފޯނާއި ޑިޖިޓަލް ދިރިއުޅުމަށް މީހުން ހޭނުމެވެ. މީގެ ތެރޭގައި:
- ސްމާޓްފޯނު ބޭނުންކުރާ މިންވަރު އިތުރުވުމުން އިންސާނީ ގުޅުންތަކާއި މުއާމަލާތްތައް މަދުވުން.
- ސޯޝަލް މީޑިއާގެ ސަބަބުން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތައް.
- ކައިވެނިކުރުމާއި، ޒަވާޖީ ގާތްގުޅުމާއި ކުލުނާއި، ދަރިން ހޯދުމަށް އޮންނަ ޝައުގުވެރިކަން ކުޑަވުން.
މި ކަންކަމުގެ ސަބަބުން މުޖުތަމައުގެ އާއިލީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށް މާހިރުން ދަނީ އިންޒާރު ދެމުންނެވެ. ސްމާޓްފޯނުގެ ސަބަބުން ވަގުތުތައް ހޭދަކުރާ ގޮތް ބަދަލުވެ، ދިރިއުޅުމުގެ އިސްކަންދޭ ކަންކަން ބަދަލުވަމުން ދިއުމަކީ އާބާދީ ދަށްވުމަށް މަގުފަހިވާ ސަބަބެއް ކަމަށް ބެލެވޭތީ، މިކަމާ ގުޅޭ އިތުރު ދިރާސާތައް މިހާރު ދަނީ ކުރެވެމުންނެވެ.





