ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއާބަސް އޭ330-200 މަރުކާގެ ބޯޓެއް އޮސްޓްރޭލިއާގެ މެލްބަންއަށް ޖެއްސުމާއެކު، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ކުރެވޭ ފުރަތަމަ ސީދާ ދަތުރުތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން މެލްބަން ޓުލަމެރިން އެއާޕޯޓަށް ކުރި މި ދަތުރަށް ހޭދަވެފައިވަނީ 11 ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެކެވެ.
'މޯލްޑިވިއަން ލަކްޝަރީ އެސްކޭޕްސް އެކްސްޕްރެސް’ގެ ނަމުގައި ކުރިއަށްގެންދާ މި ދަތުރުތަކަކީ އޮސްޓްރޭލިއާގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލަކްޝަރީ އެސްކޭޕްސްއާ ގުޅިގެން ހަ މަސް ދުވަހުގެ އަޖުމަބެލުމުގެ މުއްދަތަކަށް ފެށި ދަތުރުތަކެކެވެ. މި ސީދާ ދަތުރުތަކުގެ ސަބަބުން މީގެ ކުރިން ސިންގަޕޫރު، ދޯހާ ނުވަތަ ދުބާއީ މަގުން ކުރަންޖެހޭ 20 ގަޑިއިރަށްވުރެ ދިގު ދަތުރުތައް ވަނީ ބޮޑުތަނުން ކުރުވެފައެވެ.
ލަކްޝަރީ އެސްކޭޕްސްގެ ސީއީއޯ އެޑަމް ޝްވާބް ވިދާޅުވީ، ރާއްޖެއަކީ އޮސްޓްރޭލިއާގެ ފަތުރުވެރިން އަބަދުވެސް ޒިޔާރަތްކުރަން ބޭނުންވާ މަންޒިލެއް ނަމަވެސް، ދަތުރުފަތުރުގެ ދަތިކަމަކީ ކުރިން ކުރިމަތިވި ބޮޑު ހުރަހެއް ކަމަށެވެ. "މި ބަދަލާއެކު ރާއްޖެ ވެގެންދާނީ އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް އާ މަންޒިލަކަށް،" އޭނާ ވިދާޅުވިއެވެ.
މެލްބަން އެއާޕޯޓުގެ ސީއީއޯ ލޯރީ އާގަސް ފާހަގަކުރެއްވި ގޮތުގައި މި ދަތުރުތަކުގެ ސަބަބުން ދަތުރުގެ ވަގުތުން 9 ނުވަތަ 10 ގަޑިއިރު ސަލާމަތްކުރެވޭނެއެވެ. އޭނާ ވިދާޅުވީ، އޮސްޓްރޭލިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިރުއޮއްސޭ ވަގުތު ފްލައިޓަށް އަރައިގެން، އަނެއް ދުވަހުގެ ހެނދުނު ރާއްޖެއަށް ފޭބުމުގެ ފުރުސަތު މިހާރު ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
މި ދަތުރުތައް ފެށުމުގެ މުނާސަބަތުގައި ލަކްޝަރީ އެސްކޭޕްސްއިން ވަނީ ޓެކްސްއާއެކު 100 އޮސްޓްރޭލިއަން ޑޮލަރަށް 100 ރިޓާން ޓިކެޓު ވިއްކާފައެވެ. އާންމުކޮށް އިކޮނޮމީ ކްލާހުގެ ރިޓާން ޓިކެޓެއްގެ އަގު 1,379 ޑޮލަރުން ފެށޭއިރު، ރިސޯޓު ޕެކޭޖުތަކާއެކު 2,399 ޑޮލަރަށް ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްއިން ވަނީ ލަކްޝަރީ އެސްކޭޕްސްއަކީ އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑްގައި ރާއްޖެ ތަމްސީލުކުރާ ރަސްމީ ފަރާތުގެ ގޮތުގައި ހަމަޖައްސާފައެވެ.
އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ ދުވަހު މަޑުކުރާ ފަތުރުވެރިން އަންނަ މުހިންމު މާކެޓެކެވެ. މި ހަ މަސް ދުވަހުގެ ޓްރަޔަލް ކާމިޔާބުވެއްޖެނަމަ، ސިޑްނީ އަދި ޕާތުއަށްވެސް ސީދާ ދަތުރުތައް ފެށުމަށް ވަނީ ރޭވިފައެވެ.






