އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ވޮޝިންޓަނުން ތެހެރާނަށް 5 ހަރުކަށި ޝަރުތެއް ކުރިމަތިކުރުވައިފިއެވެ. ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރުން ވަނީ މި ޝަރުތުތައް ފުރިހަމަނުކޮށް ދެ ގައުމުގެ ދެމެދުގައި އެއްވެސް ސުލްހައިގެ މަރުހަލާއެއް ކުރިއަށް ނުގެންދެވޭނެކަން ސާފުކޮށްދީފައެވެ.
މި ޝަރުތުތަކުގެ ތެރޭގައި، އީރާނުގެ ބިމަށް ބޮން އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އީރާނުން ކުރަމުންދާ ޑިމާންޑްތައް އެމެރިކާއިން ވަނީ ރަސްމީކޮށް ދެކޮޅުހަދާފައެވެ. އެމެރިކާއިން ބުނެފައިވަނީ އެއްވެސް ބާވަތެއްގެ މާލީ ބަދަލެއް ދިނުމަށް އެ ގައުމުން ތައްޔާރު ނޫން ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާއިން ވަނީ އީރާނުން މިހާރު މުއްސަނދިކޮށްފައިވާ 400 ކިލޯގްރާމްގެ ޔުރޭނިއަމް އެހެން ތަނަކަށް ބަދަލުކުރުމަށާއި، ނިއުކްލިއާ މަސައްކަތްތައް އެންމެ މަރުކަޒަކަށް ހަނިކުރުމަށް ޝަރުތުކޮށްފައެވެ. މީގެ އިތުރުން، އެމެރިކާގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވެފައިވަނީ އެންމެ 25 އިންސައްތައަށެވެ.
ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން އީރާނުން ބާރުއަޅާފައިވަނީ ލުބުނާނު ހިމެނޭގޮތަށް ހުރިހާ ފްރަންޓްތަކެއްގައި ކުރިއަށްދާ ހަނގުރާމަވެރި ހަރަކާތްތައް ހުއްޓާލުމަށެވެ. މި ހުށަހެޅުންތައް އައިސްފައިވަނީ އަންނަ ހަފުތާގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
މި ހަރުކަށި ޝަރުތުތަކާ ގުޅޭގޮތުން އީރާނުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ހުށަހަޅާފައިވާ ކަންކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ފަދަ ނާޒުކު ކަންތައްތަކެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.





