މޯދީގެ ބަސް އަހައިގެން ލަކްޝަދީޕަށް ދާ ފަތުރުވެރިން އިތުރުވެއްޖެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖެނުއަރީ 2024 ގައި ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތަށްފަހު، އެ ޖަޒީރާ ރަށްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން އިންޑިއާގެ ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ގާނޫނުގެ ދަށުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް ޒިޔާރަތްކުރި މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ.

ލަކްޝަދީޕަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2020 ވަނަ އަހަރު 3,875 ގައި ހުރިއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 68,328 އަށް އަރާފައެވެ. މިއީ އެ ޔޫނިއަން ޓެރިޓަރީގެ ތާރީޚުގައިވެސް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި އަހަރެވެ. މި ކުރިއެރުން އައިސްފައިވަނީ ބޮޑުވަޒީރު މޯދީ އެ ރަށްތަކުގެ ގޮނޑުދޮށްތަކާއި ފަތުރުވެރިކަމުގެ ފުރުސަތުތައް އިޝްތިހާރު ކުރެއްވުމަށްފަހުގައެވެ.

ބޮޑުވަޒީރު މޯދީގެ މި ޒިޔާރަތާ ގުޅިގެން ދިވެހި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ސޯޝަލް މީޑިއާގައި ކުރެއްވި ފުރައްސާރައިގެ މެސެޖުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހޫނު ސިޔާސީ މައްސަލަތަކެއް އުފެދުނެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ގިނަ ބަޔަކު ވަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ދިއުމަށް ބާރުއަޅާ ކެމްޕޭންތަކެއް ސޯޝަލް މީޑިއާގައި ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، އިރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދީ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މަދުކޮށް ގައުމުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް މޯދީ ވަނީ އިންޑިއާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މި އިލްތިމާސާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އިންޑިއާގެ ދާޚިލީ ފަތުރުވެރިކަން ލަކްޝަދީޕަށް މިސްރާބު ޖަހާފައިވާކަން ތަފާސްހިސާބުތަކުން ކަށަވަރުވެއެވެ.

މި ބަދަލާއެކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ހިއްސާ ކުރައްވާ!