ޕާކިސްތާނުގެ ލާހޫރުގެ ބައެއް މަގުތަކާއި އަވަށްތަކަށް، 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ވަކިވުމުގެ ކުރިން ކިޔައި އުޅުނު ހިންދޫ، ސިކް އަދި ޖައިން ދީނާ ގުޅުންހުރި ނަންތައް އަލުން އިއާދަކުރުމުގެ މަސައްކަތް އެ ގައުމުން ފަށައިފިއެވެ. މިއީ ފާއިތުވި 80 އެއްހާ އަހަރު ދުވަހުގެ ތެރޭގައި އެ ސިޓީގެ ތާރީޚީ ތަރުކާ ހިމާޔަތްކުރުމަށް ނިންމި އެންމެ މުހިންމު އެއް ނިންމުމެވެ.
މި ބަދަލުތަކުގެ ތެރޭގައި 1947 ގެ ފަހުން އިސްލާމީ ނަންތަކަށް ބަދަލުކުރެވުނު ކްރިޝަން ނަގަރު، ޖައިން މަންދިރު ޗޯކް، ސާންތު ނަގަރު އަދި ދަރަމްޕޫރާ ފަދަ ނަންތައް ހިމެނެއެވެ. މި ނަންތަކަކީ ޒަމާނުއްސުރެ އެ ސަރަހައްދުތަކަށް ކިޔައި އުޅުނު ނަމަވެސް، ފަހުން ރަސްމީ ލިޔެކިޔުންތަކުން އުނިކޮށްފައިވާ ނަންތަކެކެވެ.
ޕަންޖާބު ސަރުކާރުގެ ކެބިނެޓުން މި ނިންމުން ނިންމާފައިވަނީ ޗީފް މިނިސްޓަރު މަރިޔަމް ނަވާޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައެވެ. ޕީ.ޓީ.އައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިސްނެގުމުގެ ބޭނުމަކީ ލާހޫރުގެ ކުރީގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން އަލުން ދިރުވައި، ރަސްމީކޮށް ނަން ބަދަލުކުރެވިފައިވީ ނަމަވެސް އާންމުން އަދިވެސް ބޭނުންކުރަމުންދާ ނަންތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމެވެ.
ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިއީ ލާހޫރުގެ މަލްޓި ކަލްޗަރަލް ތަފާތު ސަގާފަތްތައް އެކުލެވިގެންވާ މާޒީ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެކެވެ. 1947 ވަނަ އަހަރަށްފަހު އާންމު ތަންތަނުން މިފަދަ ނަންތައް ފޮހެލެވިފައިވީ ނަމަވެސް، ލާހޫރުގެ ގިނަ ރައްޔިތުންގެ ހަނދާނުން އެ ނަންތައް ފިލައިގެން ގޮސްފައެއް ނުވެއެވެ.
މި ނިންމުމާއެކު، ލާހޫރުގެ ތާރީޚީ އަދި ސަގާފީ ތަންތަނުގެ އަސްލު ނަންތައް އަލުން ފެންނަން ފަށާނެ ކަމަށް ބެލެވެއެވެ. މިއީ އެ ސިޓީގެ މުއްސަނދި ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.





