އެމެރިކާއިން އީރާނަށް ހަމަލަ ދޭނީ އަޟްހާ އީދަށް ފަހު

އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، މިހާރު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. މި އިންޒާރާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އާ ފްރަންޓްތަކެއް ނުވަތަ ހަނގުރާމައިގެ އާ މައިދާންތަކެއް ހުޅުވާލާނެ ކަމަށް ބުނެ ރައްދު ދީފައެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަސްކަރީ ހަމަލާއެއް ދިނުމުގެ ހުއްދަ ދިނުމާ ވަރަށް ގާތަށް ދިޔަ ކަމަށެވެ. ނަމަވެސް، ގަލްފުގެ ގައުމުތަކުން ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުނެ އެދުމުން އެ ނިންމުން މަޑުޖައްސާލީ ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ހުރީ ގޮތެއް ނިންމުމާ "ގަޑިއެއްހާއިރު ގާތުގައެވެ."

މި މަޝްވަރާތަކުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، ސަރަހައްދީ ބައިވެރިން ވަނީ އިތުރު ވަގުތަށް އެދިފައެވެ.މި މަޑުޖައްސާލުމަކީ ޑިޕްލޮމެޓިކް ހައްލަކަށް ދިން ފަހު ފުރުސަތެވެ. ނަމަވެސް މަޝްވަރާތަކުން ނަތީޖާއެއް ނުފެނިއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އޮތްކަން ޓްރަމްޕް ވަނީ ސާފުކޮށްދެއްވާފައެވެ.

އަނެއްކޮޅުން އީރާނުން ވަނީ އެމެރިކާ ނުވަތަ އިޒްރޭލުން އެއްވެސް އުދުވާނެއް ހިންގައިފި ނަމަ، މިހާރު ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުން ބޭރުގައި ވެސް އާ ކުރިމަތިލުންތަކެއް ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. ތެހެރާނުން ބުނެފައިވަނީ އެ ގައުމަށް ނުރައްކަލެއް އޮތް ކަމަށް ފެނިއްޖެ ނަމަ ހަމަލާތައް ވަރުގަދަ ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

މި ހާލަތާ ގުޅިގެން ސަރަހައްދީ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑިޕްލޮމެޓިކް މަގުތައް އަދި ހުޅުވިފައި އޮތް ނަމަވެސް، ދެ ފަރާތުން ވެސް ފެންނަނީ ކުރިމަތިލުމަކަށް ތައްޔާރުވަމުންދާ މަންޒަރެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅަކީ މި ނުތަނަވަސްކަމަށް ހައްލެއް ލިބޭނެތޯ ނުވަތަ އިތުރު ހަމަލާތަކަކަށް މަގުފަހިވާނެތޯ ކަނޑައެޅޭނެ މުހިންމު ދުވަސްތަކެކެވެ.

ހިއްސާ ކުރައްވާ!