އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް 'މެލޮޑީ' ޓޮފީ ބާސްކެޓެއް ހަދިޔާކުރެއްވުމާ ގުޅިގެން، ދެ ބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަން ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެއެވެ. ރޯމްގައި ކުރިއަށްދާ މި ބައްދަލުވުމުގެ ތެރެއިން ފެނިގެންދިޔަ މި މަޖާ ވަގުތުކޮޅު ގިނަ ބައެއްގެ ސަމާލުކަމަށް އައީ މޯދީ އިޓަލީއަށް މޮދީ ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލިތާ އެއް ގަޑިއިރުގެ ތެރޭގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. އަދި 56,000 އަށްވުރެ ގިނަ ރިއެކްޝަން ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ މިއީ "އަލްޓިމޭޓް #Melodi މޮމެންޓް" އެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ހަދިޔާއަކީ ދެ ބޭފުޅުންގެ ނަން އެއްކޮށްލައިގެން އުފައްދާފައިވާ "މެލޯޑީ" މީމް ޓްރެންޑަށް ދެއްވި ސަމާސާ ރައްދެއްގެ ގޮތުގައި ބެލެވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ނޫކުލައިގެ ސޫޓެއްގައި ހުންނެވި މޯދީ، އިންޑިއާގެ މަޝްހޫރު މެލޮޑީ ޓޮފީ ބާސްކެޓެއް މެލޯނީއަށް ހަދިޔާކުރައްވާއިރު، ދެ ބޭފުޅުންވެސް ތިއްބެވީ ވަރަށް ހިނިތުންވެފައެވެ.
މެލޯނީ ވަނީ މި ވީޑިއޯ އެކްސް ގައި ހިއްސާކުރައްވައި، "ހަދިޔާއަށްޓަކައި ޝުކުރިއްޔާ" އޭ ވިދާޅުވެފައެވެ. އަދި ވީޑިއޯގައި މެލޯނީ ވިދާޅުވަނީ "ބޮޑުވަޒީރު މޯދީ އަޅުގަނޑުމެންނަށް ހަދިޔާއެއް ގެންނެވި… މިއީ ވަރަށް ވަރަށް މީރު ޓޮފީއެއް" ކަމަށެވެ.
މި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ތަފާތު މީމްތަކާއި ޖޯކުތައް ވަނީ ފެތުރިފައެވެ. މި ވީޑިއޯއަށް ލިބޭ ތަރުހީބު ދަނީ އިތުރުވަމުންނެވެ.
ބޮޑުވަޒީރު މޯދީ އިޓަލީއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ ރަސްމީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ހިމެނޭ ދަތުރުފުޅެއް ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ އަދި އަމިއްލަ ގުޅުން އިތުރަށް ބަދަހިވެގެންދާކަން ފާހަގަކުރެވެއެވެ.

