އާސިމް މުނީރު: އެންމެ ބާރުގަދަ ޝަޚްސިއްޔަތަށްވީ ކިހިނެއް؟

ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ހަލަބޮލިކަމަކީ އާންމުންނަށް ފެންނަ ކޯޓު ކޭސްތަކާއި މުޒާހަރާތަކަށްވުރެ މާ ފުން، އަދި މާ ކުރިން ރޭވިފައިވާ ކަންތައްތަކެއް ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ. ޕާކިސްތާނުގެ މިހާރުގެ އަސްކަރީ ވެރިޔާ ޖެނެރަލް އާސިމް މުނީރު އެ މަގާމަށް ގެނައުމަށް އެމެރިކާއިން ވަނީ މީގެ އަހަރުތަކެއް ކުރިން "ޗެސްބޯޑެއް" އަތުރާލާފައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މަގުބޫލުކަން ކުޑަވެ، ޖަލަށް ދާންޖެހުނު ހާދިސާތަކަކީ އިއްތިފާގެއް ނޫން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. ޚާއްސަކޮށް އެމެރިކާގެ އެދުންތަކަށް ކަނޑައެޅިގެން ނޫނެކޭ ވިދާޅުވެ ދެއްވި ރައްދާއި، ރަޝިޔާއިން ޔޫކްރެއިނަށް އެރި ދުވަހު މޮސްކޯއަށް ކުރެއްވި ޒިޔާރަތަކީ މި ބޮޑު ރޭވުމުގެ ތެރެއިން އޭނާއާ ދެކޮޅަށް އެޅުނު ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

މިހާރުގެ އަސްކަރީ ވެރިޔާ ޖެނެރަލް އާސިމް މުނީރަކީ ފަހުގެ ތާރީޚެއްގައި ޕާކިސްތާނު ދުށް އެންމެ ބާރުގަދަ ލީޑަަރުގެ ގޮތުގައި ރިޕޯޓުގައި ބުނެފައިވެއެވެ. "އޭނާގެ ކުރިއެރުމަކީ އިއްތިފާގެއް ނޫން،"  ކަމަށް ވެއެވެ. އެމެރިކާއިން އޭނާ ބާރުވެރިކުރުވީ ކުރިމަގުގައި އަންނާނެ ބަދަލުތަކުގެ މައިގަނޑު ތަނބެއްގެ ގޮތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ ޕާކިސްތާނުގެ އާންމުންގެ މެދުގައި އުންމީދާއި ކަންބޮޑުވުން އެއްވަރަކަށް އުފައްދާފައިވާ ކަމެކެވެ.

ޕާކިސްތާނުގެ ރައްޔިތުންނަށް މިއީ އާ ކަމެއް ނޫނެވެ. ބޮޑުވަޒީރުން ޖަލަށް ދިއުމާއި، ޖެނެރަލުން ބާރުވެރިވުމަކީ އެ ގައުމުގައި ތަކުރާރުވަމުންދާ ބުރުތަކެކެވެ. ނަމަވެސް، ގައުމުގެ މުސްތަގުބަލާ ގުޅޭ ބޮޑެތި ނިންމުންތައް އާންމުންނަށް ނޭނގި، ސިއްރު ރޭވުންތަކެއްގެ ތެރެއިން ނިންމަމުންދާ ދިއުމަކީ ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަމެކެވެ.

މިވަގުތު އިމްރާން ޚާން ޖަލުގައި ހުންނެވިއިރު، އާސިމް މުނީރު ގެންދަވަނީ އޭނާގެ ބާރުތައް ވަރުގަދަ ކުރައްވަމުންނެވެ. ޕާކިސްތާނުގެ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ މި ސިޔާސީ ކުޅިގަނޑުގެ ތެރެއިން ގައުމަށް ހަމަޖެހުމެއް ލިބޭނެ ދުވަހަކަށެވެ.

ހިއްސާ ކުރައްވާ!