އެމެރިކާއާއި ސައުދީގެ ނިއުކްލިއާ އެއްބަސްވުމުގައި ހަރުކަށި އުސޫލުތަކެއް ނެތް ކަމަށް ހާމަވެއްޖެ

ސައުދީ އަރަބިއްޔާގައި މަދަނީ ބޭނުންތަކަށް ނިއުކްލިއާ ހަކަތަ އުފެއްދުމަށް އެމެރިކާއާއެކު އެކުލަވާލާ އެއްބަސްވުމުގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެދިވަޑައިގެންނެވި ފަދަ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނާފައި ނުވާކަން އެމެރިކާގެ ފޮރިން މިނިސްޓްރީގެ ސިޓީއަކުން ހާމަވެއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސެނެޓަރު އެޑްވަަޑް މާކީއަށް ފޮނުވި މި ސިޓީގައި ބުނެފައިވަނީ މި އެއްބަސްވުމުގައި ހިމެނެނީ މާ ބޮޑު ހަރުކަށިކަމެއް ނެތް "ބައިލެޓަރަލް ސޭފްގާޑްސް އެގްރީމަންޓް" އެކެވެ. މީގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފިނަމަ ސައުދީން ވެސް އެ މަގަށް ދާނެ ކަމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކުރިން ވިދާޅުވެފައިވާތީ އެ ކަންބޮޑުވުން ބޮޑެވެ.

ޑިމޮކްރެޓިކް ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ އދ. ގެ ޕްރޮޓޮކޯލްތަކާ އެއްގޮތަށް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަށް ކުއްލި ސާވޭތައް ކުރުމުގެ ބާރު ލިބޭ ގޮތަށް އެއްބަސްވުން ބައްޓަންކުރުމަށް އެދިވަޑައިގެންފައެވެ. އަދި ޔޫރޭނިއަމް ފައްކާކޮށް މުއްސަނދިކުރުން މަނާކުރާ "ގޯލްޑް ސްޓޭންޑަޑް" މި އެއްބަސްވުމުގައި ހިމެނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީގެ ސިޓީގައި އެފަދަ މިންގަނޑަކަށް އިޝާރާތްކޮށްފައެއް ނުވެއެވެ.

ސެނެޓަރު މާކީ މިކަން ސިފަކުރެއްވީ "ގައުމީ ސަލާމަތް ވިއްކާލުން" ގޮތުގައެވެ. އޭނާ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާއިރު، ސައުދީއަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ނުލައި މިފަދަ ޓެކްނޮލޮޖީއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ،މެރިކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލް ޕޯލް ޖުއަލިއަނޯނީ ވިދާޅުވީ، މި އެއްބަސްވުމަކީ ބިލިއަން ޑޮލަރުގެ އަގުހުރި، ދިގުމުއްދަތުގެ މަދަނީ ނިއުކްލިއާ ޕާޓްނަޝިޕެއް ކަމަށާއި، މިއީ އެމެރިކާގެ އިގްތިސާދީ އަދި ސްޓްރެޓީޖިކް މަސްލަހަތުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް ވިދާޅުވެފައިވަނީ އެއްބަސްވުމުގައި ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމުގެ ވަރުގަދަ ވައުދެއް ހިމެނޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ރައީސް ސޮއިކުރެއްވުމަށްފަހު ކޮންގްރެސްއަށް ހުށަހެޅުމުން، އެއާ ދެކޮޅަށް ގަރާރެއް ފާސްކުރުމަށް ކޮންގްރެސްއަށް 90 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެފަދަ ގަރާރެއް ފާސްނުވެއްޖެނަމަ، އެއްބަސްވުން އަމަލީ ގޮތުން ތަންފީޒުވާން ފަށާނެއެވެ.

ހިއްސާ ކުރައްވާ!