އިސްރާއީލުގެ މާލީ ވަޒީރު ސުމޮޓްރިޗް ޚާން އަލްއަހްމަރު ހުސްކުރުމަށް އަންގައިފި

ޔަހޫދީ ހަރުކަށި ފިކުރުގެ މާލީ ވަޒީރު ބެޒަލްއެލް ސުމޮޓްރިޗް، ހިފާފައިވާ ފަލަސްޠީނުގެ ހިފާފައިވާ ވެރިރަށް ގުދުސްގެ އިރުމަތީގައި އޮންނަ ފަލަސްތީނުގެ ބަދަވީ އަވަށެއް ކަމަށްވާ "އަލްޚާން އަލްއަހްމަރު" ވަގުތުން ހުސްކުރުމުގެ އަމުރެއްގައި ސޮއިކޮށްފިއެވެ. އަންގާރަ ދުވަހު އިއުލާންކުރި މި ނިންމުމަކީ އެ ސަރަހައްދުގައި އިސްރާއީލުން ހިންގާ އިސްތިއުމާރީ ހަރަކާތްތައް އިތުރަށް ފުޅާކުރުމުގެ ބައެކެވެ.

އިސްރާއީލުގެ ޗެނަލް 14 އަށް ދިން އިންޓަރވިއުގައި ސުމޮޓްރިޗް ބުނީ އެ އަވަށް ހުސްކުރުމުގެ އަމުރުގައި ސޮއިކުރީ ވަޒީރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ. އަދި މިއީ ހަމައެކަނި ފެށުމެއް ކަމަށް ބުނެ،   އިންޒާރުދީފައިވެއެވެ. ސުމޮޓްރިޗް އިތުރަށް ބުނީ، ޖެނޮސައިޑް ޔަހޫދީ ރެޖީމުން މިހާތަނަށް 100 އަށްވުރެ ގިނަ އާ އާބާދީތަކާއި 160 ދަނޑުވެރިކަމުގެ މަރުކަޒު ގާއިމުކޮށްފައިވާ ކަމަށާއި، މި މަޝްރޫއުތަކަކީ އަނބުރާ ރުޖޫއަނުކުރެވޭނެ ފަދަ ވަރުގަދަ މަޝްރޫއުތަކެއް ކަމަށެވެ.

އަލްޚާން އަލްއަހްމަރަކީ ގުދުސްގެ އިރުމަތީގައި އޮންނަ ހައިވޭއެއްގެ ކައިރީގައި އޮންނަ ކުޑަ ބަސްތީއެކެވެ. 2009 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އަންނަނީ އެ އަވަށުގެ އިމާރާތްތަކަކީ ގާނޫނީ ހުއްދަ ނެތް ތަންތަން ކަމަށް ބުނެ، އެތަން ސުންނާފަތިކޮށް މީހުން ބޭރުކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ އަވަށުގެ ރައްޔިތުން ވަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ މި އަމަލުތަކާ ދެކޮޅަށް ތަކުރާރުކޮށް ތެދުވެ، އެމީހުންގެ ވަޒަން ދޫކޮށް ދިއުމަށް އިންކާރުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނީ، މިއީ އިސްރާއީލުގެ ޖެނޮސައިޑް ސަރުކާރުން ހުޅަނގު އައްސޭރިއާއި ގުދުސްގައި ހިންގާ އާ ޖަރީމާއެއް ކަމަށެވެ. ހަމާސްއިން ހާމަކުރި ގޮތުގައި، މި ނިންމުމުގެ ބޭނުމަކީ ހުޅަނގު އައްސޭރި ޖިއޮގްރަފީ ގޮތުން ބައިބައިކޮށް، ގުދުސް އެކަހެރިކޮށް، އެ ސިޓީގެ މައްޗަށް ޖެނޮސައިޑް ޔަހޫދީންގެ ބާރު ފުރިހަމައަށް ހިންގުމެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން މިކަމާ ދެކޮޅަށް އަޑުއުފުލައި، އިސްރާއީލު ޒިންމާދާރުކުރުވުމަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.

އދ. އިން މީގެ ކުރިން ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ، އަލްޚާން އަލްއަހްމަރުން މީހުން ގަދަކަމުން ބޭރުކުރުމަކީ "ހަނގުރާމައިގެ ކުށެއް" ކަމަށް ބެލެވިދާނެ ކަމަށެވެ. އެ ސަރަހައްދުގެ ބަދަވީ އާބާދީތަކަށް އިސްރާއީލުގެ ސިފައިންގެ ހިމާޔަތުގައި ތިބޭ ވަޒަންވެރިންގެ ފަރާތުން ތަކުރާރުކޮށް ހަމަލާތައް ކުރިމަތިވަމުންދާއިރު، މިއީ އެމީހުންގެ ބިންތައް ފޭރިގަނެ، ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ހިންގާ ސިޔާސަތެއްގެ ބައެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!