ޔަޙޫދީން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިގައި ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އަސްކަރީ އަމުރެއްގައި އިސްރާއީލުގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އާވީ ބްލޫތު ސޮއިކޮށްފިއެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ބުނީ މިއީ އިސްރާއީލުގެ ކެނެސެޓުން ދާދި ފަހުން ފާސްކުރި ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުން އިސްރާއީލުގެ މަދަނީ ގާނޫނުތަކަށް ތަބާވާން ނުޖެހޭތީ، ކެނެސެޓުން ފާސްކުރި ގާނޫނު އެ ސަރަހައްދުގައި ތަންފީޒު ކުރުމަށްޓަކައި އަސްކަރީ އަމުރުތަކަށް ބަދަލު ގެންނަން ޖެހެއެވެ. މި އަމުރާއެކު އިސްރާއީލުގެ އަސްކަރީ ކޯޓުތަކަށް ފަލަސްތީނު މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމުގެ ބާރު މިހާރު ވަނީ ލިބިފައެވެ. ދިފާއީ ވަޒީރު ކާޓްޒް ބުނީ "ކެތްތެރިކަމުގެ މަރުހަލާ ނިމިއްޖެ" ކަމަށާއި، ޔަހޫދީން މަރާ މީހުންނަށް ދެން ޖަލުގައި އަރާމުގައި ނުތިބެވޭނެ ކަމަށެވެ.
އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު ފޮލްކާާ ތާކް ވަނީ މި ގާނޫނަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ގާނޫނު އަމާޒުކޮށްފައިވަނީ ހަމައެކަނި ފަލަސްތީނު މީހުންނަށެވެ. ހަމާސް ޖަމާއަތުން މި ފިޔަވަޅު ސިފަކޮށްފައިވަނީ "ނުރައްކާތެރި ކުރިއެރުމެއް" ގެ ގޮތުގައެވެ. އަދި މިއީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން މިއަށް ހުރަސް އެޅުމަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި، ތުރުކީން ފުރައިގެން ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި "ފްރީޑަމް ފްލޮޓިލާ" އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ހުއްޓުވާފައެވެ. ސައިޕްރަސް ކައިރިން މި އުޅަނދުތައް ހުއްޓުވުމަށްފަހު ޖެނޮސައިޑް ބެންޖަމިން ނަތަންޔާހޫ ބުނީ މިއީ ހަމާސްއަށް އެހީތެރިވުމަށް ކުރި މަސައްކަތެއް ހުއްޓުވުން ކަމަށެވެ. ނަމަވެސް ތުރުކީ ސަރުކާރުން ވަނީ މިއީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
"






