އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާއާ ގުޅުންހުރި ކާރެއްގެ ތެރެއިން އިސްލާމްދީނާ ދެކޮޅު ލިޔުންތަކެއް ފެނިފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ. މި ހަމަލާގައި އެ މަރުކަޒަށް ގޮސް އުޅުނު ތިން މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަލާ ދިނުމުގައި ތުހުމަތު ކުރެވެނީ 18 އަހަރުގެ ކޭލެބް ވެލަސްކޭޒް އާއި 17 އަހަރުގެ ކޭން ކްލާކް އަށެވެ. ފުލުހުން ބުނާ ގޮތުގައި މި ހަމަލާ ތަހުގީގު ކުރަމުންދަނީ "ނަފްރަތުގެ ކުށެއް" ގެ ގޮތުގައެވެ. ހަމަލާ ދިން ދެ މީހުން ވެސް ވަނީ ކާރު ތެރޭގައި އަމިއްލައަށް މަރުވެފައި އޮއްވާ ފެނިފައެވެ.
ހަމަލާ ދިން ވަގުތަކީ އެ މަރުކަޒުގައި ހިންގާ އިސްލާމީ ޕްރައިމަރީ ސްކޫލްގެ ކިޔެވުން ކުރިއަށްދިޔަ ވަގުތެކެވެ. އުމުރުން 9 އަހަރުގެ އަދީ ޝަންނާ ކިޔައިދިން ގޮތުގައި، ބަޑީގެ އަޑު އިވުމާއެކު އޭނާ އާއި އެހެން ކުދިން ކްލާސްރޫމްގެ އަލަމާރިތަކުގެ ތެރެއަށް ވަދެ ބިރުން ތިއްބާ، ފުލުހުން އައިސް އެކުދިން ސަލާމަތްކުރީއެވެ. "އަހަރެމެން ބޭރަށް ނެރުނުއިރު ވަރަށް ގޯސް މަންޒަރުތަކެއް ފެނުނު، ބިންމަތީގައި މީހުން ވެއްޓިފައި ތިބި," އަދީ ބުންޏެވެ.
މި ހަމަލާގައި މަރުވި ސެކިއުރިޓީ ގާޑް އަމީން އަބްދުﷲ އަކީ އިތުރު ލޭއޮހޮރުވުމެއް ހުއްޓުވި ބަތަލެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ. އޭނާގެ އާއިލާއަށް އެހީވުމަށް ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް ކެއަރ އިން ހިންގި ފަންޑު ރެއިޒިންގް ހަރަކާތަކުން މިހާތަނަށް 1.7 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ އެއްކުރެވިފައެވެ.
އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާއަކީ "ބިރުވެރި ހާލަތެއް" ކަމަށް ސިފަކުރައްވައި، ސަރުކާރުން މިކަން ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ވިދާޅުވިއެވެ. ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވީ ނަފްރަތަށް ކެލިފޯނިއާގައި ޖާގައެއް ނެތް ކަމަށާއި، މުސްލިމް މުޖުތަމައާއެކު ދެމިހުންނަވާނެ ކަމަށެވެ.
އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފްރަތުގެ އަމަލުތައް މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. ކެއަރ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު މުސްލިމުންނާ ދެކޮޅު އިސްލާމޯފޯބިއާގެ 8,683 ޝަކުވާއެއް ވަނީ ރިޕޯޓްކޮށްފައެވެ.







