އުއްތަމަ ފަނޑިޔާރުގެ ބަހުގެ ހަމަލާއަކާ ގުޅިގެން ޒުވާނުން 'ކޮކްރޯޗް ޖަންތާ ޕާޓީ' އުފައްދައިފި

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޯޝަލް މީޑިއާ ބޭނުންކުރާ ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން އުފެދުނު ނުރުހުންތެރިކަމުގައި، ޖެންޒީ އުމުރުގެ ޒުވާނުން އިސްވެ "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތް އިސްވެ ފެއްޓެވީ އުމުރުން 30 އަހަރުގެ އަބީޖީތު ދިޕްކޭ އެވެ.

ބޮސްޓަން ޔުނިވާސިޓީން ކިޔަވައިގެން ހުރި ދިޕްކޭ ބުނި ގޮތުގައި، ގާނޫނުއަސާސީގެ ބަލަދުވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ޒުވާނުންނާ ދިމާލަށް އެފަދަ ބަހެއް ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި ހަރަކާތް ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ޕާޓީގެ ވެބްސައިޓުގައި ދެ ލައްކައަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެ، އިންސްޓަގްރާމްގައި 3.3 މިލިއަން ފޮލޯވަރުން ވަނީ ހޯދާފައެވެ.

ޒުވާނުންގެ ކަންބޮޑުވުންތަކާއި ފަސް ނުކުތާގެ އެޖެންޑާ

ދިޕްކޭ ފާހަގަކުރި ގޮތުގައި މި ހަރަކާތަކީ ކުރިން ރޭވިގެން ހިންގާ ކަމެއް ނޫނެވެ. ނަމަވެސް މިއީ ވަޒީފާގެ ފުރުސަތުތަކާއި، ސިޔާސީ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން ކުޑަވުމުގެ ސަބަބުން އުފެދިފައިވާ ގިނަ ދުވަސްވީ ނުރުހުންތަކެއްގެ ނަތީޖާއެވެ. މި ޕާޓީން ވަނީ ފަސް ނުކުތާގެ މައްޗަށް އެކުލެވޭ އެޖެންޑާއެއް ވެސް އާންމުކޮށްފައެވެ. އޭނާ ދީފައިޥާ އިންޓަރވިއުގައި:

    • އިންޑިއާގެ ސިޔާސީ ބަހުސްތައް ފާއިތުވި ދިހަވަރަކަށް އަހަރު ވަންދެން ހަމައެކަނި ހިންދޫ-މުސްލިމް މައްސަލަތަކަށް ހުއްޓިފައި އޮތުމުން ޒުވާނުންނަށް ފައިދާއެއް ނުކުރާކަމަށް ފާހަގަކުރި
    • އެމެރިކާ ފަދަ ގައުމުތަކުގައި އާޓިފިޝަލް އިންޓެލިޖެންސާއި އައު އީޖާދުތަކާ ބެހޭގޮތުން ވާހަކަދެކެވޭއިރު، އިންޑިއާގެ މަސްރަހު އޮތީ މާޒީގައި ހިފެހެއްޓިފައި
    • ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވުމާއި ގުޅިގެން ދަރިވަރަކު އަމިއްލައަށް މަރުވި ހާދިސާއިން، ގައުމުގެ ނިޒާމު ފެއިލްވެފައިވާ މިންވަރު ހާމަވާކަމަށް ފާހަގަކުރި
    • އިމްތިހާނުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ނުދެއްވުމާއި، އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކުރުވަން މަސައްކަތް ނުކުރާތީ ސުވާލު އުފެއްދި
    • ޕޯޗުގަލް ފަދަ ގައުމުތަކާ އަޅާބަލާއިރު، އިންޑިއާގައި ނިޒާމީ ފެއިލްވުންތަކުގެ ސަބަބުން ފުރާނަ ގެއްލުމުންވެސް އެކަމުގެ ޒިންމާ އުފުލާނެ ފަރާތެއް ނެތްކަމަށް ބުނެ ފާޑުކިޔެވެ.

ފަސް ނުކުތާގެ މައްޗަށް އެކުލެވޭ އެޖެންޑާގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި:

  • އުއްތަމަ ފަނޑިޔާރުން ރިޓަޔާ ކުރެއްވުމަށްފަހު ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަންކުރުން ހުއްޓާލުމާއި،
  • ކެބިނެޓުގެ ދެބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަކުރުން
  • ސައްހަ ވޯޓުތައް ބާޠިލު ކުރާތީ އިލެކްޝަންސް ކޮމިޝަނަރ ހައްޔަރު ކުރުން
  • ކެމްޕޭންގައި ދީނީ ކާޑު ކުރޭ ޕާޓީތައް އުވާލުން
  • މަހުޖަނުން ކަމަށްވާ އަމްބާނީ އަދި އަދާނީގެ އާއިލާތަކުން ހިންގާ މީޑިއާގެ ލައިސަންސް ބާތިލްކުރުމަށް ވެސް މި ޕާޓީން ގޮވާލާފައިވެއެވެ.

މުސްތަގުބަލުގެ ޕްލޭން

މި ހަރަކާތް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށް ދިޕްކޭ ބުންޏެވެ. އަދި 2029 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށާއި، މިވަގުތުގެ އަމާޒަކީ އާންމުންގެ ޚިޔާލާ އެކު ވަރުގަދަ ސްޓްރެޓެޖީއެއް އެކުލަވާލުން ކަމަށް އޭނާ ފާހަގަކުރިއެވެ.

"ޒުވާނުން ބޭނުންވަނީ މިނިވަން މުއައްސަސާތަކެއް އޮތް ގައުމެއް. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން އަމާންކަމާއެކު،" ދިޕްކޭ ބުންޏެވެ. އޭނާ އިތުރަށް ބުނީ މި ހަރަކާތަކީ ހަމައެކަނި ސޯޝަލް މީޑިއާ ޓްރެންޑެއް ނޫން ކަމަށާއި، މިއީ އިންތިޒާމުވެގެން ހިންގާ ބޮޑު ޖަމިއްޔާއަކަށް ބަދަލުވަމުންދާ ހަރަކާތެއް ކަމަށެވެ.

ހިއްސާ ކުރައްވާ!