މައްޓަލަ އެއާޕޯޓަށް އެމެރިކާއާއި އިންޑިއާއިން ވާދަ ކުރަނީ ކީއްވެ؟

ސްރީލަންކާގެ މައްޓަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީކޮށް، ދިގު މުއްދަތަކަށް މެނޭޖްކުރުމުގައި މުހިންމު ދައުރެއް އަދާކުރުމާ މެދު އިންޑިއާއިން ދަނީ ވިސްނަމުންނެވެ. މިއީ 30 އަހަރުގެ ބިލްޑް-އޮޕަރޭޓް-ޓްރާންސްފާ (ބީ.އޯ.ޓީ) އުސޫލުން އެއާޕޯޓް ހިންގުމަށް ލަންކާ ސަރުކާރުން އެތެރެއާއި ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލުމާ ގުޅިގެން ދިމާވެފައިވާ ކަމެކެވެ.

މި އެއާޕޯޓް އޮންނަނީ ޗައިނާއިން ހިންގާ ހަމްބަންޓޯޓާ އިގްތިސާދީ ސަރަހައްދާ ކައިރީގައެވެ. މިއީ ޖިއޯޕޮލިޓިކަލް ގޮތުން ވަރަށް ބޮޑަށް ފާރަވެރިވާ ސަރަހައްދެކެވެ. ހަމްބަންޓޯޓާ ބަނދަރު ދިގު މުއްދަތަކަށް ޗައިނާއަށް ކުއްޔަށް ދިނުމުގެ ސަބަބުން، ކަނޑުގެ މުހިންމު ސަރަހައްދެއްގައި ބޭރުގެ ބާރެއްގެ ނުފޫޒު އޮތުމާ މެދު ނިއުދިއްލީން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މައްޓަލަ މަޝްރޫއުގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް ދަނީ ދިރާސާކުރަމުންނެވެ. މިއީ ސްރީލަންކާގެ އުމްރާނީ ތަރައްގީގެ ތެރެއިން އިގްތިސާދީ ގުޅުން ބަދަހިކޮށް، ސްޓްރެޓެޖިކް ގޮތުން ސްރީލަންކާގައި ފައިތިލަ ސާބިތުކުރުމަށް ގެންގުޅޭ ފުޅާ ސިޔާސަތެއްގެ ބައެކެވެ. މީގެ ކުރިން އިންޑިއާގެ މެޒަގަން ޑޮކް ޝިޕްބިލްޑާސް އިން ވަނީ ކޮޅުނބު ޑޮކްޔާޑްގެ ބޮޑު ހިއްސާއެއް ގަނެ، ލަންކާގެ ކަނޑުގެ އަދި ބޯޓު ބަނުމުގެ ސިނާއީ ދާއިރާގައި އިންޑިއާގެ ދައުރު ބޮޑުކޮށްފައެވެ.

ސްރީލަންކާއިން މި މަޝްރޫއު ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. އެއީ އެއާޕޯޓް ހިންގުމުގެ މަސައްކަތާއި، އެތައް ސަތޭކަ ހެކްޓަރެއްގެ ބިން ތަރައްގީކުރުމުގެ މަސައްކަތެވެ. މި ބިމުގައި ބޯޓުތައް މަރާމާތުކުރުމުގެ މަރުކަޒުތަކާއި، ލޮޖިސްޓިކްސް ޕާކުތަކާއި، ތަމްރީނުދޭ އެކަޑަމީތަކާއި، ސިނާއީ ވަސީލަތްތަކުގެ އިތުރުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ވަނީ ހުށަހަޅާފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ސްރީލަންކާ ސަރުކާރުން މިފަދަ ލުއި އޮނިގަނޑެއް އެކުލަވާލާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުން ޝައުގުވެރިކުރުވުމަށެވެ. އަދި 2013 ވަނަ އަހަރު ޗައިނާގެ އެހީގައި ބިނާ ކުރި މި އެއާޕޯޓު ހުޅުވި ފަހުން އެދެވޭ ގޮތެއްގައި އެތަން ކުރެވިފައެއް ނުވެއެވެ. އެހެންވެ މި އެއަޕޯޓަށް ދިރުމެއް ގެނައުމަށް ލަންކާ ސަރުކާރުން ބޭނުން ވެއެވެ.

މައްޓަލަ އެއާޕޯޓް ހުޅުވި ފަހުން އެކަށީގެންވާ ވަރަށް ފްލައިޓްތައް ޖެއްސުމުގައި ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެހެންކަމުން، މިއީ އެ ތަން އޮޕަރޭޓް ކުރުމަށް އޮނިގަނޑު ބަދަލުކުރަން ޖެހިފައިވާ ތަނެކެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ހޯދަމުންދަނީ މި އެއާޕޯޓަކީ ސަރަހައްދީ ވައިގެ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ މަރުކަޒަކަށް ބަދަލުކޮށްލެވޭނެ ފަދަ ގާބިލް ބައިވެރިންނެވެ.

މެދުއިރުމަތީގެ ކުންފުނިތަކުންވެސް މި ތަނަށް ޝައުގުވެރި ވެއެވެ. އަދި އެމެރިކާއިން ވެސް މި އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އިންޑިއާއަށް މި އެއާޕޯޓު ދިނުމާ މެދު އެމެރިކާއިން ނުތަނަވަސްކަން ފާޅުކޮށްފައި ވެއެވެ.

މި މަޝްރޫއަށް އިންޑިއާއިން ޝައުގުވެރިވުން ގުޅިފައިވަނީ ދާދި ފަހުން ހިނގާދިޔަ މަތީ ފަންތީގެ ބައްދަލުވުންތަކާއެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭޕްރީލް މަހު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ހިމެނެއެވެ. މި ދަތުރުފުޅުގައި އުމްރާނީ ތަރައްގީއާއި ސްޓްރެޓެޖިކް ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދާއިރާގެ މާހިރުން ދެކޭގޮތުގައި، އިންޑިއާގެ މި ޝައުގުވެރިކަމަކީ ސްރީލަންކާގެ އުމްރާނީ ތަރައްގީގެ ތެރެއިން، ޚާއްސަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ނުފޫޒު ގާއިމްކުރުމަށް ސަރަހައްދީ ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ބައެކެވެ.

ހިއްސާ ކުރައްވާ!