ޓްރަމްޕް ދިރިހުއްޓާ ކުނިވަނީ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި ހުރި ނޫފައިގަތް ނިޝާންތަކެއް ފޮރުވުމަށް ގިނަ އަދަދަކަށް މޭކަޕް ބޭނުންކުރައްވާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، އޭނާ "ދިރިހުއްޓާ ކުނިވަނީ" ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވެއްޖެއެވެ.

އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ވައިޓް ހައުސްގައި ބިނާކުރާ އާ ބޯލްރޫމެއްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު، އޭއެފްޕީގެ ފޮޓޯގްރާފަރަކު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ އަތްޕުޅުގައި ހުރި ބޮޑެތި ލަކުނުތައް ފޮރުވުމަށް ވަނީ ބޯކޮށް މޭކަޕް އުނގުޅާފައެވެ. މި ފޮޓޯތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ އެއީ މޫނުދެއްކުމަށް ބާއްވާފައި އޮންނަ މައްޔިތެއްގެ އަތާ ވައްތަރު އަތެއް ކަމަށާއި، މިއީ އޭނާގެ ސިއްހީ ހާލަތު ގޯސްވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ޓްރަމްޕްގެ އަތްޕުޅުގައި ހުންނަ ނޫފައިގަތް ނިޝާންތަކާ ގުޅޭގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް މީގެ ކުރިން ވިދާޅުވެފައިވަނީ، އެއީ ގިނަ ބަޔަކާ ސަލާމްކުރުމުގެ ސަބަބުންނާއި ޓްރަމްޕް ކޮންމެ ދުވަހަކު ބޭނުންކުރައްވާ އެސްޕިރިން ބޭހުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް، ޓްރަމްޕް އަމިއްލަފުޅަށް ވިދާޅުވެފައިވަނީ ޑޮކްޓަރުންގެ ލަފަޔަށްވުރެ އިތުރަށް އޭނާ އެސްޕިރިން ބޭނުންކުރައްވާ ކަމަށާއި، އޭގެ ސަބަބުން ލޭ ތުނިވެ ފަސޭހައިން ނޫފައިގަންނަ ގޮތްވާ ކަމަށެވެ.

މި ފަހަކަށް އައިސް ކެބިނެޓް ބައްދަލުވުންތަކާއި ޓީވީން ވަގުތުން ދައްކާ ޕްރޮގްރާމްތަކުގައި ވެސް ޓްރަމްޕަށް ނިދިޖެހި، އިސްޖެހޭ މަންޒަރު ވަނީ ފެނިފައެވެ. މިގޮތުން ރޮބަޓް އެފް ކެނެޑީ ޖޫނިއާ ވައިޓް ހައުސްގައި ތަގުރީރު ކުރެއްވި އިރު، ޓްރަމްޕް ލޯ މަރައިގެން އިންނެވި މަންޒަރު ފެނުމުން އޭނާގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް އައްމާރު ކަމްޕާ-ނައްޖާރު ވިދާޅުވީ، ޓްރަމްޕް ނިދިކުރައްވައިގެން އިންނަވާ ވަގުތަށްވުރެ ބޮޑަށް އޭނާ ހޭލާ ހުންނަވައިގެން ކުރައްވާ ކަންތައްތަކާ މެދު ކަންބޮޑުވާން ޖެހޭ ކަމަށެވެ. "އަޅުގަނޑު ކަންބޮޑުވަނީ އޭނާ ނިދާފައި އޮންނަ އިރު ކުރާ ކަމަކަށް ނޫން، ހޭލާ ހުރެގެން ކުރާ ކަންތައްތަކަށް. ފަތިހު 3 ޖަހާއިރު ކުރާ ޓްވީޓްތަކާއި، ދައްކާ މޮޔަ ވާހަކަތަކާއި، ބޭނުމެއް ނެތް ހަނގުރާމަތަކަށް،" ކަމްޕާ-ނައްޖާރު ވިދާޅުވިއެވެ.

ޓްރަމްޕަކީ ގައުމުގެ ރައީސްކަން ކުރަން އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވަރުގަދައަށް ފާޑުކިޔަމުންނެވެ. ނަމަވެސް ވައިޓް ހައުސްއިން ދަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރަމުންނެވެ.

ހިއްސާ ކުރައްވާ!