ފްރެންޗެސްކާ އަލްބެނީޒަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި

ފަލަސްތީނުގެ މައްސަލަތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބެނީޒާ ދެކޮޅަށް އެމެރިކާ ސަރުކާރުން ޔަހޫދީންގެ އަވައިގައި ޖެހިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، އެ ގައުމުގެ ޓްރެޜަރީ ޑިޕާޓްމަންޓުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ފަނޑިޔާރަކު އެ ފިޔަވަޅުތައް ވަގުތީގޮތުން ހުއްޓާލުމަށް އަމުރުކުރިތާ ހަފްތާއެއް ފަހުންނެވެ.

އިޓަލީގެ ގާނޫނީ ވަކީލެއް ކަމަށްވާ އަލްބެނީޒާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ބޭއިންސާފުން ފިޔަވަޅު އެޅީ 2025 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެއީ ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ޖަރީމާތައް ބޭޒާރުކޮށް އެކަމާ ދެކޮޅަށް ވާހަކަ ދައްކައި ހެދުމުންނެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އޭނާ އެމެރިކާއަށް އެތެރެވުމާއި އޭނާގެ ވިސާއާއި ކްރެޑޓް ކާޑާއި ބޭންކިން ނިޒާމު ބޭނުންކުރުން އޮތީ މަނާކޮށްފައެވެ. އެމެރިކާއިން ބުނެފައިވަނީ މި ފިޔަވަޅުތައް އެޅީ ޔަހޫދީ ރެޖީމާއި އެމެރިކާގެ ޖެނޮސައިޑް އޮފިޝަލުންނާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިޔަވަޅު އެޅުމަށް އޭނާ ބާރުއަޅަމުންދާތީ ކަމަށެވެ.

ނަމަވެސް ވޮޝިންޓަންގެ ޑިސްޓްރިކްޓް ފަނޑިޔާރު ރިޗަޑް ލިއޯން މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ނިންމެވީ، އަލްބެނީޒާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އައިސްފައިވާ ކަމަށެވެ. ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މަސައްކަތް ކޮށްފައިވަނީ އޭނާ ފާޅުކުރި ޚިޔާލުތަކުގެ ސަބަބުން އެކަމަށް ހުރަސް އެޅުމަށެވެ.

އަލްބެނީޒް ވަނީ ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގަމުންދާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، އެކަމުގައި އެމެރިކާގެ ބައެއް ކުންފުނިތަކުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް ރިޕޯޓެއް ޝާއިއުކުރައްވާފައެވެ. މީގެ އިތުރުން އިޒްރޭލާއި އެމެރިކާގެ ރައްޔިތުން ހަނގުރާމައިގެ ކުށްތަކަށް ޒިންމާދާރުކުރުވުމަށް އޭނާ ވަނީ ވަކާލާތު ކުރައްވާފައެވެ.

އެމެރިކާ ސަރުކާރާ ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހެޅީ އަލްބެނީޒްގެ ފިރިމީހާ އާއި އެމެރިކާގެ ރައްޔިތެއް ކަމަށްވާ އޭނާގެ ދަރިފުޅެވެ. ކޯޓުގެ އަމުރާ ގުޅިގެން އެމެރިކާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް އިން ބުނީ ކޯޓު އަމުރު ދެމިއޮތްހާ ހިނދަކު އަލްބެނީޒާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ތަންފީޒު ނުކުރާނެ ކަމަށެވެ.

މި ނިންމުމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނާއި ވައިޓް ހައުސްއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!