މައިކްރޯސޮފްޓުން އިންޑިއާގައި ގާއިމުކުރާ އެންމެ ބޮޑު ޑޭޓާ ސެންޓަރު ހުޅުވަނީ

ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުނި މައިކްރޯސޮފްޓުން އިންޑިއާގައި ގާއިމުކުރާ އެންމެ ބޮޑު ޑޭޓާ ސެންޓަރު މި އަހަރުގެ މެދުތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޚިދުމަތްތަކަށް ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް މާކެޓުގައި އެ ކުންފުނީގެ މަގާމު ވަރުގަދަކުރުމަށް ކުރަމުންދާ ބޮޑު އިންވެސްޓްމަންޓެއްގެ ބައެކެވެ.

މައިކްރޯސޮފްޓް އިންޑިއާ އެންޑް ސައުތު އޭޝިއާގެ ރައީސް ޕުނީތު ޗަންދޯކް ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިއާގައި އެ ކުންފުނީގެ އެޒުއާ ކްލައުޑް ސާވިސްއަށާއި މަހަކު 30 ޑޮލަރަށް ލިބޭ ކޯޕައިލެޓް 365 އޭއައި އެސިސްޓަންޓަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އިންޑިއާގެ ހައިދަރުއާބާދުގައި ގާއިމުކުރާ މި އައު ޑޭޓާ ސެންޓަރަކީ އެ ގައުމުގައި ހުންނާނެ އެ ކުންފުނީގެ އެންމެ ބޮޑު ފެސިލިޓީއަށް ވާނެއެވެ.

މައިކްރޯސޮފްޓުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އިންޑިއާގައި 17.5 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަން އިއުލާނުކޮށްފައެވެ. މިއީ އޭޝިއާ ސަރަހައްދުގައި އެ ކުންފުނިން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި އިންވެސްޓްމަންޓަކީ 2025 ވަނަ އަހަރުގެ ކުރީކޮޅު ވައުދުވި 3 ބިލިއަން ޑޮލަރުގެ އިތުރުން ކުރެވޭ އިންވެސްޓްމަންޓެކެވެ.

އިންޑިއާގެ އައިޓީ ދާއިރާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އިންފޯސިސް، ކޮގްނިޒަންޓް އަދި ޓާޓާ ކޮންސަލްޓަންސީ ސާވިސަސް (ޓީސީއެސް) އަކީ މައިކްރޯސޮފްޓް ކޯޕައިލެޓްގެ ބޮޑެތި ކަސްޓަމަރުންނެވެ. މިއިން ކޮންމެ ކުންފުންޏަކުން ގާތްގަނޑަކަށް 50،000 ލައިސަންސް ބޭނުންކުރަމުންދާ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.

ޗަންދޯކް އިތުރަށް ވިދާޅުވީ، އިންޑިއާގައި ހިންގާ މަސައްކަތްތަކަކީ މުޅި ދުނިޔެއަށް މައިކްރޯސޮފްޓުން ނެރޭ އޭއައި ފީޗާތަކަށް ބޮޑު އެހީތެރިކަމެއް ލިބޭ މަސައްކަތްތަކެއް ކަމަށެވެ. މިހާރުވެސް އިންޑިއާގެ އެކި ސިޓީތަކުގައި މައިކްރޯސޮފްޓްގެ 22،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

ނަމަވެސް، އޭއައި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ހޯދުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. "އޭއައި ދާއިރާގެ ހުނަރުވެރިން ހޯދުމަށް ބޮޑު ހަނގުރާމައެއް ކުރަންޖެހޭ،" ޗަންދޯކް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގައި ކުރިމަތިވާ ގޮންޖެހުންތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މި ދާއިރާއިން ކުރިމަތިވަމުންދާ ގޮންޖެހުންތަކެވެ.

ހިއްސާ ކުރައްވާ!