ޕާކިސްތާނުގެ ޓެލެކޮމް ދާއިރާއަށް ބޮޑެތި ޓެކްސްތަކެއް ނެގުމުގެ ސަބަބުން ޑިޖިޓަލް ކުރިއެރުމަށް ހުރަސްއެޅެނީ

ޕާކިސްތާނުގެ ޓެލެކޮމް ދާއިރާއަކީ އެ ގައުމުގެ ޑިޖިޓަލް އިގްތިސާދުގެ މައިބަދަ ކަމުގައި ވީނަމަވެސް، އެ ދާއިރާއިން ނަގަމުންދާ ބޮޑެތި ޓެކްސްތަކުގެ ސަބަބުން ޑިޖިޓަލް ކުރިއެރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިކަމުގެ ސަބަބުން ޚިދުމަތްތަކުގެ އަގުބޮޑުވެ، އިންވެސްޓްމަންޓްތަކަށާއި ޑިޖިޓަލް ބަދަލުތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާނުގެ ޓެލެކޮމް އޮތޯރިޓީ (ޕީޓީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޓެލެކޮމް އޮޕަރޭޓަރުންގެ އާމްދަނީގެ 35 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރެއް ސަރުކާރަށް ދައްކަންޖެހެނީ ޓެކްސްއާއި އެކި ކަހަލަ ފީތަކުގެ ގޮތުގައެވެ. ބައެއް ބޮޑެތި ކުންފުނިތަކުގެ އާމްދަނީގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ޚަޒާނާއަށް ވަންނައިރު، މިއީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މޯބައިލް ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން ޕްރީޕެއިޑް ޚިދުމަތްތަކުން 33 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ ޓެކްސްއެއް ދައްކަންޖެހެއެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ޕާކިސްތާނުގެ އާބާދީގެ 81 އިންސައްތައަށް މޯބައިލް ކަވަރޭޖް ލިބުނު ނަމަވެސް، 40 އިންސައްތަ މީހުން ބްރޯޑްބޭންޑް ބޭނުންނުކުރަނީ ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުންނެވެ.

5ޖީ ޚިދުމަތް ތައާރަފްކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާއިރު، މިހާރު ހުރި ޓެކްސް ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓް ކުރަން އޮޕަރޭޓަރުންނަށް ވަނީ ދަތިވެފައެވެ. ޚާއްސަކޮށް، ތެލުގެ އަގު އުފުލުމާއި، އިންފްލޭޝަން އަދި ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން މި ދާއިރާއަށް ވަނީ އިތުރު ޕްރެޝަރުތަކެއް ކުރިމަތިވެފައެވެ.

އިންޑޮނޭޝިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކުން މިސާލު ނަގައި، ޓެކްސްގެ ނިޒާމަށް ލުއިތަކެއް ދިނުމަކީ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އޮތް މަގެއް ކަމަށް ޕާކިސްތާނުގެ ތަޖުރިބާކާރުން ލަފާދެއެވެ. 2030 ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިގްތިސާދުން ޕާކިސްތާނުގެ ޖީޑީޕީގެ 7 އިންސައްތަ ހިއްސާކުރެވިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެކަން ހާސިލްވާނީ ޓެލެކޮމް ދާއިރާއަކީ ހަމައެކަނި ޓެކްސް ނަގާ ވަސީލަތަކަށް ނުހަދައި، ގައުމުގެ ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގައި ބަލައިގެންނެވެ.

ހިއްސާ ކުރައްވާ!