އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ، އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރުންނާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. ތެހެރާނުގައި ފޮރުން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަކީ މަގާމުގައި ތިއްބަވަނިކޮށް ވަކިވެދިޔަ އިސް ޑިޕްލޮމެޓުންގެ ހަނދާން އާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ކުރީގެ ވަޒީރުން ކަމަށްވާ ޢަލީ އަކްބަރު ސާލިހީ، މުޙައްމަދު ޖަވާދު ޒަރީފް އަދި މަނޫޝެހެރު މުއްތަޤީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ހަނދާން އާކޮށްފައިވަނީ 2024 ވަނަ އަހަރު ހެލިކޮޕްޓަރު ހާދިސާއެއްގައި އަވަހާރަވި ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން އާއި ޒަމާންވީ ތަޖުރިބާކާރު ޑިޕްލޮމެޓް ކަމާލް ޚަރާޒީގެ ޚިދުމަތްތަކެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، "އަޅުގަނޑުގެ ކުރިން މި މަގާމު ފުރުއްވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަކީ ލިބުނު ޝަރަފެއް. ޑރ. އަމީރު އަބްދުއްލާހިޔާން އާއި ޚަރާޒީ އަކީ އީރާނުގެ ކަރާމާތާއި މަސްލަހަތު ހިމާޔަތްކުރުމުގައި ނަމޫނާ ދެއްކެވި ބަތަލުން،" ކަމަށެވެ.
މި ރަސްމިއްޔާތުން ފެނިގެންދިޔައީ އީރާނުގެ ޚާރިޖީ ސިޔާސަތުގައި ހުރި ދެމެހެއްޓެނިވިކަމާއި، ޖީލުތަކަށް އަންނަ ބަދަލުތަކާއެކުވެސް މުއައްސަސާގެ ތެރޭގައި އޮތް ބަދަހިކަމެވެ. އޮގަސްޓް 2024 ގައި މަގާމާ ހަވާލުވެވަޑައިގަތް އަރަގްޗީ އަކީ އަބަދުވެސް ކުރީގެ ވަޒީރުންގެ ތަޖުރިބާ އާއި މަސައްކަތްތަކަށް އިހުތިރާމް ކުރައްވާ ބޭފުޅެކެވެ.
އަވަހާރަވި އަމީރު އަބްދުއްލާހިޔާން އަކީ ސަރަހައްދީ ގުޅުންތަކާއި "އެކްސިސް އޮފް ރެސިސްޓެންސް" ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް އިބްރާހީމް ރައީސީ އާއި އަމީރު އަބްދުއްލާހިޔާން އަވަހާރަވި ހެލިކޮޕްޓަރު ހާދިސާއަށް ދެ އަހަރު ފުރުމާ ދިމާކޮށެވެ.





