ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ކަނޑު ފޭރިގަނެ ޔަހޫދީ ޖެނޮސައިޑް ސިފައިން އޭގެ ފަޅުވެރިން ވަގަށް ނެގުމާ ގުޅިގެން ޔޫރަޕާއި އަރަބި ގައުމުތަކުން އެކަމުގައުިު އަތް އުރައިގެން ތިބި ކަމަށް ބުނެ ތުރުކީން އިސްނަގައިގެން އިސްރާއީލަށް އުދުހޭ ބޯޓުތައް ބޮނުވައިގެން އެ 422 އެކްޓިވިސްޓުން، ސަލާމަތް ކޮށްފިއެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މިމީހުން ވަނީ މިއަދު މެންދުރު ފަހުން ފެށިގެން ތުރުކީއަށް އަނބުރާ ގެންދަން ފަށާފައެވެ. މި ގްރޫޕުގައި ތުރުކީގެ 85 ރައްޔިތުންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނި ގޮތުގައި، މި އެކްޓިވިސްޓުން ފުރާފައިވަނީ އިސްރާއީލުގެ ދެކުނުގައި އޮންނަ ރާމޯން އެއާޕޯޓުން ތުރުކީން ފޮނުވި ފްލައިޓްތަކެއްގައެވެ. މި މަސައްކަތް ވިލަރެސްކޮށްފައިވަނީ ތުރުކީގެ ޖާސޫސީ އިދާރާއާއި ތުރުކީގެ ފޮރިން މިނިސްޓްރީއާއި ތެލް އަވީވްގައި ހުންނަ ތުރުކީގެ އެމްބަސީންނެވެ. މި ފްލައިޓްތައް މިރޭގަނޑުގެ ވަގުތެއްގައި އިސްތަންބޫލް އެއާޕޯޓަށް ޖައްސާނެ ކަމަށް ބެލެވެއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ވިދާޅުވީ، އިސްރާއީލުން ހިންގި ޣައިރު ގާނޫނީ ޖަރީމާއާ ގުޅިގެން ހިފެހެއްޓި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީގެ ކަމާބެހޭ ހުރިހާ އިދާރާތަކަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމާއި ޣައްޒާގެ އާންމުންނަށް އެހީތެރިވުމުގައި ދެމިތިބޭނަން،" ފިދާން ވިދާޅުވިއެވެ.
އަދި ތުރުކީން ވަނީ ހާލުގައި ޖެހޭ ގައުމުތަކުގެ ރައްޔިތުންނަށް ބައިނަލްއަގްވާމީ އިންސާނީ އެހީތެރިކަން ދެވިދާނެ ފަދަ ގައުމެއް ކަން މިހާރު ދުނިޔެއަށް ސާބިތުކޮށްދީފައި ކަމަށްވެސް ފިދާން ވިދާޅުވިއެވެ.
2026 ވަނަ އަހަރުގެ 'ސްޕްރިންގް މިޝަން' ގެ ދަށުން ޣައްޒާގެ ހިސާރަ ކުރުން ފޫއަޅުވާލުމަށް 50 އުޅަނދާއެކު ދަތުރުކުރި މި ފްލޮޓިލާގައި 44 ގައުމަކުން 428 އެކްޓިވިސްޓުން ބައިވެރިވިއެވެ. އިސްރާއީލު ސިފައިން މި ފްލޮޓިލާ ކަނޑު ފޭރިގަތީ އޭޕްރީލް 29 ގައި ކްރީޓް ކައިރިންނެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް މެއި 18 ގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަނިކޮށް އަނެއްކާވެސް ކަނޑުފޭރި ގަނެ މީހުން ވަގަށް ނެގީއެވެ.
އިސްރާއީލުން އެކްޓިވިސްޓުންނާ މެދު އަމަލުކުރި އިހާނެތި ގޮތްތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުންނަށް ބަންދުގައި ބައިތިއްބައިގެން ޔަހޫދީން ޖިންސީ ގޯނާ ކުރި ކަމަށާއި ރަބަރު ވަޒަނުން ހަމަލަ ދިން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަޔަރލެންޑްގެ މީޑިއާއިން ވަނީ ޔަހޫދީ ދައުލަތަކީ ޓެރަރސްޓް ދައުލަތެއް ކަމަށް ބުނެ އެއްޗެތި ކިޔާފައެވެ.
އަޔަލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ސައިމަން ހެރިސް މި އަމަލުތައް ކުށްވެރިކުރައްވައި ވިދާޅުވީ މިއީ "ފަކުރުގަންނަ ފަދަ" އަމަލުތަކެއް ކަމަށެވެ. ހަމައެހެންމެ ޕާކިސްތާނާއި، ސްޕެއިން، ޕޮލެންޑް އަދި އެސްޓޯނިއާ ފަދަ ގައުމުތަކުން ވެސް ވަނީ އިސްރާއީލުގެ މި އަމަލުތައް ކުށްވެރިކޮށްފައެވެ.
ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭޒް ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެކްޓިވިސްޓުންނާ މެދު އަމަލުކުރި ގޮތުން އިސްރާއީލުން މައާފަށް އެދެންޖެހޭނެ ކަމަށެވެ. އަދި އެކްޓިވިސްޓުންނަށް ދިން އަނިޔާތަކާއި ބޭއަދަބީ އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ބުނެ ގިނަ ގައުމުތަކަކުން ދަނީ ގޮވާލަމުންނެވެ.






