އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނުމާ ގުޅިގެން، އޭނާ އެ ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔައި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަމަލުތައް އިތުރަށް އަނިޔާވެރި ކުރާނެ ކަމަށް ބުނެފިއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ބެން-ގްވީރު އާއި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ހައްޔަރުކުރުމުގެ ސިއްރު އަމުރަކަށް ވަނީ އެދިފައެވެ. ނަމަވެސް މި ހުށަހެޅުން ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެއެވެ.
މިކަމާ ގުޅިގެން ބެން-ގްވީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ބިރުނުގަންނަ ކަމަށާއި، ހޭގްގައި ހުންނަ ކޯޓުން ނެރޭ އެއްވެސް އަމުރަކުން ފަލަސްތީނުގެ "ޓެރަރިސްޓުންނާ" ދެކޮޅަށް އޭނާ ގެންގުޅޭ އަނިޔާވެރި ސިޔާސަތުތަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. "އަހަރެން މާފަކަށް ނޭދޭނަން، އަދި މި މަސައްކަތް ހުއްޓައެއްވެސް ނުލާނަން،" އޭނާ ބުނެފައިވެއެވެ.
ފަލަސްތީނުގެ އަސީރުންނާ ދެކޮޅަށް ބޭނުންކުރާ ގޮތްކުޑަ ހަރުކަށި ބަސްމަގާއި، އަސީރުންނަށް މަރުގެ އަދަބު ދިނުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނު މީހުން އެ ސަރަހައްދުން މަޖުބޫރުން ބޭރުކުރުމަށްވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.
މީގެ ކުރިން ނޮވެމްބަރު 2024 ގައި އައިސީސީން ވަނީ ޔަހޫދީ ޖެނޮސައިދް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. އެއީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެންނެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދު ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމައެއާއެކު ހުޅަނގު އައްސޭރީގައިވެސް އިސްރާއީލު ސިފައިން ވަނީ 1,162 މީހުން ޝަހީދުކޮށް، 23,000 އެއްހާ މީހުން ހައްޔަރުކޮށްފައެވެ.






