ބެން-ގްވީރު އަމަލުކުރަނީ ނާޒީއެއް ފަދައިން

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، ގާޒާއަށް އެހީ ހިފައިގެން ދިޔަ 'ފްލޯޓިލާ އޮފް ރެސިލިއަންސް' ގެ އެކްޓިވިސްޓުންނާ މެދު އަމަލުކުރި އިހާނެތި ގޮތުން ބައިނަލްއަގުވާމީ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މިކަމާ ގުޅިގެން ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވިދާޅުވީ "ނިސްޓަރު ބެން-ގްވީރު އަމަލުކުރަނީ ހަގީގީ ނާޒީއެއް ފަދައިން" ކަމަށެވެ.

ބެން-ގްވީރު އެކްސްގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ފޭރިގަނެފައިވާ އެކްޓިވިސްޓުން ތިބީ ބިޑިއަޅުވައި ކަކޫމައްޗަށް ތިރިކުރުވައިފައެވެ. އެ މީހުންގެ ކުރިމަތީގައި އިސްރާއީލުގެ ދިދަ ހޫރުވަމުން ބެން-ގްވީރު ވަނީ "ވެލްކަމް ޓު އިސްރާއީލް" އޭ ބުނެ މަލާމާތްކޮށްފައެވެ. އަދި މި ވީޑިއޯއިން ފެންނަ ގޮތުގައި "ފްރީ ފަލަސްތީން" އޭ ގޮވައިލި އަންހެން އެކްޓިވިސްޓަކު ސަލާމަތީ ބާރުތަކުން ވަނީ ގަދަކަމުން ބިމަށް ތިރިކޮށްފައެވެ. ފަހުން އޭނާއަށް ޖިންސީ ގޯނާ ކޮށްފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން އިނގިރޭސި ޚާރިޖީ ވަޒީރު އިވެޓް ކޫޕާ ވިދާޅުވީ އެ ވީޑިއޯ ފެނުމުން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި އިނގިރޭސި ރައްޔިތުން ހިމެނޭތީ، އެކަމުގެ ތަފްސީލު ހޯދުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިއުޒީލެންޑް، ކެނެޑާ، ބެލްޖިއަމް، ފްރާންސް، އިޓަލީ، ޕޯޗުގަލް، ނެދަލޭންޑްސް، ސްޕެއިން އަދި އޮސްޓްރޭލިއާ ހިމެނޭހެން 9 ގައުމަކުން ވަނީ އިސްރާއީލުގެ ސަފީރުން ހާޒިރުކޮށް އިހުތިޖާޖުކޮށްފައެވެ. ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ މިއީ ދަށު ދަރަޖައިގެ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބުނެ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އެކްޓިވިސްޓުންނަށް ކަރާމާތްތެރިކަމާއެކު މުއާމަލާތް ކުރުމަށް ގޮވާލާފައެވެ.

ތުރުކީން ބުނެފައި ވަނީ މިހާދިސާއިން ވެސް ޔަހޫދީ ރެޖީމް އެކަހެރިވެފައިވާ މިންވަރު ހާމަވާ ކަމަށެވެ.

އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވެސް ވަނީ ބެން-ގްވީރުގެ އަމަލުތަކަކީ ލަދުވެތި އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ތުރުކީން މިކަން ސިފަކުރީ ޖެނޮސައިޑް އިސްރާއީލު ސަރުކާރުގެ "ޖާހިލު ވިސްނުން" ހާމަވި ކަމެއްގެ ގޮތުގައެވެ. އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިއްސާ ކުރައްވާ!