އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީން ހިންގި އަސްކަރީ އުދުވާނަށްފަހު، އެ ގައުމުން ވަނީ ނިއުކްލިއާ މައްސަލައިގައި މަޝްވަރާކުރުމަށް ވަރުގަދަ ޝަރުތެއް ކުރިމަތި ކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްވެސް ވާހަކައެއް ދެން ދެއްކޭނީ، އެ ގައުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އީރާނުން ބޭނުންވާ ގޮތަށް، ރަސްމީކޮށް އަދި ދާއިމީކޮށް ނިމުމަކަށް ގެނައުމުންނެވެ.
މިއީ އީރާނުގެ ސްޓްރެޓީޖިކް ވިސްނުމަށް އައި ބޮޑު ބަދަލެކެވެ. ފާއިތުވި 40 ދުވަހުގެ ތެރޭގައި ކުރިމަތިވި އަސްކަރީ ހަމަލާތަކުން ސާބިތުވެފައިވަނީ، ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ ފަރާތުން ދޫދިނުންތަކެއް ހޯދުމަށް ސޮލީބީ އެމެރިކާއާއި އެގައުމުގެ ސަހުޔޫނީ ބައިވެރިން ގެންގުޅޭ ސިޔާސަތު ނާކާމިޔާބުވެފައިވާ ކަމެވެ. އީރާނުން މިހާރު ކަނޑައަޅާފައިވަނީ ހަނގުރާމަ ހުއްޓާލުމަކީ މަޝްވަރާގެ ފެށުމެއް ނޫން ކަމަށާއި، އެއީ ހަނގުރާމައިގެ ކާމިޔާބީގެ ގޮތުގައި ލިބެންޖެހޭ ނަތީޖާއެއް ކަމަށެވެ.
ޑިޕްލޮމެޓިކް ފިލާވަޅެއް: ފުރަތަމަ ހަނގުރާމަ ނިންމުން، ދެން މަޝްވަރާ
އީރާނުގެ މި ނިންމުމަކީ ސިޔާސީ ގޮތުން އެޅި ވަރުގަދަ ފިޔަވަޅެކެވެ. ނިއުކްލިއާ ވާހަކަތައް ހަނގުރާމަ ނިމުމާ ގުޅުވާލުމުން، ދުޝްމަނުންގެ އަތުގައި އޮތް އެންމެ ބޮޑު ހަތިޔާރު ކަމަށްވާ 'އަސްކަރީ ބިރުދެއްކުން' ވަނީ ބޭކާރުވެފައެވެ.
"އީރާނުގެ ވައިގެ ސަރަހައްދުގައި ބޭރުގެ މަތިންދާބޯޓުތައް އުދުހެމުންދާއިރު، އަދި ފާރިސް ކަނޑުއޮޅީގައި ބޭރުގެ މަނަވަރުތައް ތިއްބައި، ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭނެ" ކަމަށް ތެހެރާނުން ވަނީ ސާފުކޮށް ބުނެފައެވެ.
އީރާންގެ މި މަގާމަކީ ހަމައެކަނި ގޮތްދޫނުކުރުމެއް ނޫނެވެ. މިއީ ހަނގުރާމައިގެ މައިދާނުގައި ހޯދި ކާމިޔާބީގެ މައްޗަށް ބިނާވެފައިވާ އަމިއްލަ އިއްޒަތާއި ގައުމީ ސިޔާދަތުގެ ދިފާއެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ނިމޭ ގޮތަކުން ކުރިއަށް އޮތް ޖީލުތަކަށް ސަރަހައްދީ ބާރުގެ މިސްރާބު ކަނޑައެޅޭނެއެވެ. އެހެންކަމުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ކޮންމެ މާއްދާއެއް ލިޔެވެންވާނީ އީރާނުގެ ޝަރުތުތަކުގެ މައްޗަށެވެ.
އީރާނުން ބުނާ ގޮތުގައި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެހެން ގައުމަކުން ހިބަކށްް ދީފައިވާ ހިލޭ އެހީގެ ދަށުން ލިބިފައިވާ ނުވަތަ ދީފައިވާ އެއްޗެއް ނޫނެވެ. އަރަބި ގައުމުތަކުން އެމެރިކާއިން ޕެޓްރޯ ޑޮލަރުގެ ބަދަލުގައި ހޯދާފައިވާ ދޭސީ ޓެކްނޮލޮޖީއާ ޚިލާފަށް އީރާންގެ ނިއުކްލިއަ އަކީ އީރާނުގެ ސައިންސްވެރިންނާއި އިންޖިނޭރުން، އެތައް އަހަރެއްގެ ބުރަ މަސައްކަތުންނާއި، އެތައް ގޮންޖެހުންތަކަކާ އެކު ކުރިއަށް ގެންގޮސްފައިވާ ގައުމީ ކާމިޔާބީއެކެވެ. އެހެންކަމުން، ހަނގުރާމައެއްގެ ތެރޭގައި އޮވެ، އެކަމާ ބެހޭގޮތުން ދޫދިނުމަކީ ދުޝްމަނުންގެ ޣައިރު ގާނޫނީ ހަމަލާތަކަށް ލިބޭ ހިތްވަރަކަށް ވާނެތީ އެކަން އެގޮތަށް ނުކުރާނެ ކަމަށް އީރާނުން ވަނީ ކަނޑައަޅާފައެވެ.
އީރާނުން ބަނަނީ ގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އަދި ނިއުކްލިއާ ސިނާއަތް ފަދަ ގައުމީ މުހިންމު ވަސީލަތްތަކަކީ އެއާމެދު ވާހަކަ ނުދެއްކޭނެ "މުގައްދަސް" އެއްޗެތި ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ވިޔަފާރި އުސޫލުން ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި މޭޒުމަތީގައި ބަދަލުކުރެވޭނެ މުދަލެއް ނޫން ކަމަށްވެސް އެގައުމުން ވަނީ ހާމަކޮށްފައެވެ.






