އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 31 އާގުބޯޓެއް ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކޮށްފިއެވެ. މީގެ ތެރޭގައި ތެޔޮ އުފުލާ ބޯޓުފަހަރާއި ކޮންޓެއިނަރު އުފުލާ އުޅަނދުތައް ހިމެނެއެވެ. މި އުޅަނދުތައް ދަތުރުކޮށްފައިވަނީ އައިއާރްޖީސީ ނޭވީގެ ކޯޑިނޭޝަނާއި ރައްކާތެރިކަމުގެ ދަށުންނެވެ.
އީރާނުން އަބަދުވެސް ބުނަމުން ދިޔައީ ރަހުމަތްތެރި ގައުމުތަކަށް ހުރުމުޒު އޮތީ ހުޅުވިފައި ކަމަށެވެ. އަދި އެއީ އީރާނުގެ ސަރަހައްދީ އިމުގެ ތެރޭގައި ހިމެނޭ ތަނެއް ކަމުގައި ވާތީ އެތަނުން ދަތުރު ކުރުމަށް އީރާނާ އެކު ވިލަރެސް ކުރަން ޖެހޭނެ ކަމަށެވެ.
އައިއާރްޖީސީގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާރިސީ ކަނޑު އޮޅީގެ ސަރަހައްދުގައި އެމެރިކާގެ ސިފައިން އުފައްދާފައިވާ ނުތަނަވަސްކަމާއެކުވެސް ދުނިޔޭގެ ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ސަލާމަތީ މަގެއް ގާއިމުކޮށްދިނުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް މިހާރު ޚާއްސަ ހުއްދައެއް ބޭނުންވާނެ ކަމަށް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ދަތުރުފަތުރު ކުރުމުގެ އާ އުސޫލުތައް
ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) އިން ވަނީ މި ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތަކެއް ކަނޑައަޅާފައެވެ. މި ސަރަހައްދުގެ ތެރޭގައި ދަތުރުކުރާ އުޅަނދުތަކުން އެ އުޅަނދެއްގެ މިލްކުވެރިކަމާއި، އުފުލާ މުދަލުގެ އަގާއި، ފަޅުވެރިންގެ މައުލޫމާތު އީރާނާއެކު ހިއްސާކުރަން ޖެހެއެވެ. "މި މައުލޫމާތު ހޯދަނީ އެ އުޅަނދަކީ އެމެރިކާ ނުވަތަ އިސްރާއީލާ އެއްވެސް ގުޅުމެއް އޮތް އުޅަނދެއްތޯ ޔަގީންކުރުމަށް" ކަމަށް ޔޫރަޕްގެ ޝިޕިން ދާއިރާގެ މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން، އައިއާރްޖީސީން މިހާރު ވަނީ މި ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައެވެ. މިއީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިން އީރާނަށް ލިބުނު މޮޅެކެވެ.
ޗައިނާ އަދި ރަޝިއާ ފަދަ އިރާނުގެ އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް އިސްކަންދޭއިރު، އެހެން ގައުމުތަކުގެ އުޅަނދުތަކުން ދަތުރުކުރުމަށްޓަކައި ސަރުކާރުތަކުގެ މެދުގައި އެއްބަސްވުންތަކެއް އޮންނަންޖެހެއެވެ. އިސްރާއީލުގެ ކުރީގެ އިންޓެލިޖެންސް އޮފިސަރަކު ބުނިގޮތުގައި، މިހާރު މި ކަނޑުއޮޅި ބަންދުކުރުމާއި ހުޅުވުމުގެ ފުރިހަމަ ބާރު އޮތީ އިރާނު ސަރުކާރުގެ އަތްމަތީގައެވެ. އެކަމަށް އެމެރިކާއާއި އިސްރާއީލަށް ކުރެވޭނބެ ކަމެއް ނެތް ކަމަށެވެ!
އިންޑިއާ ފަދަ ގައުމުތަކުން މިހާރު ދަނީ ތެހެރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ މެދުވެރިކޮށް އިރާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ދަތުރުތައް ކޯޑިނޭޓް ކުރަމުންނެވެ. އިންޑިއާގެ ޝިޕިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، "އިރާނުގެ ފަރާތްތަކުން މަޑުކުރަން ބުނެފިނަމަ އުޅަނދު މަޑުކުރުމަށާއި، ދަތުރުކުރަން ބުނެފިނަމަ ދަތުރުކުރުމަށް" އިންޑިއާގެ ނޭވީން ވަނީ އެ ގައުމުގެ އާގުބޯޓުތަކާއި އުޅަނދުތަކަށް އިރުޝާދު ދީފައި ކަމަށެވެ.
މި އާ ނިޒާމުގެ ދަށުން، ގައުމުތަކުން އިރާނުގެ ފޮރިން މިނިސްޓަރީއަށް ދަތުރު މައުލޫމާތު ހުށަހެޅުމުން، އެ ހުށަހެޅުން ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ފޮނުވައި، އެތަނުން ނިންމާ ގޮތެއްގެ މަތިން އައިއާރްޖީސީން ދަތުރުކުރުމުގެ އިރުޝާދުތައް ވިލަރެސްކޮށް ފޯރުކޮށްދެއެވެ.






