ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު އާއިލީ ވިޔަފާރިއަކަށް ބަދަލުކުރީ ކިހިނެއް؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާގެ ޚާރިޖީ ސިޔާސަތަކީ ގައުމީ މަސްލަހަތަށް ވުރެން ބޮޑަށް ވިޔަފާރި އުސޫލުން ވަކި ބަޔެއްގެ މަސްލަހަތަށް އިސްކަންދޭ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ސިފަވެގެން ގޮސްފައިވާ ކަމަށް ރޮއިޓާސްއިން މިއަދު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. މި ނިޒާމުގެ ތެރެއިން އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ޓްރަމްޕާ ގާތް ގުޅުން އޮންނަ ސިޔާސީ ފަރާތްތަކާއި، އާއިލީ މެންބަރުން އަދި ނުފޫޒުގަދަ ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ހަނި ދާއިރާއެއްގެ ތެރެއިންނެވެ.

ދާއިރާގެ ތަޖުރިބާކާރު ޑިޕްލޮމޭޓުން ސިފަކުރާ ގޮތުގައި، ޒަމާނުއްސުރެ އަމަލުކުރަމުން އައި ރަސްމީ އުސޫލުތައް އެއްފަރާތްކޮށް، މުހިންމު ނިންމުންތައް ނިންމުމުގައި އިސްކަންދީފައިވަނީ އެ މަސްހަލަތެއް ރައްދުވާ ފަރާތަކާ ޓްރަމްޕާ ނުވަތަ އޭނާގެ ދަރިންނާ ދެމެދު އޮންނަ އަމިއްލަ ގާތްކަމަށެވެ. ޓްރަމްޕް މުސްލިމުން ދެކެ ފޫހިވާއިރު ފައިސާ ގެންގުޅޭ މުއްސަނދި އަދި އޭނާއަށް ހަދިޔާ ދޭ އަރަބި މުއްސަނދި މުސްލިމުން ދެކެ އޭނާ ގަޔާ ވެއެވެ. އަދި ޓްރަމްޕްގެ ވިޔަފާރި ވިސްނުމުގެ ސަބަބުން ސަފީރުން އައްޔަންކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާއަށް ބެލުމުގެ ބަދަލުގައި، އެ ބޭފުޅުން ދީފައިވާ މާލީ އެހީތަކަށާއި، ރަހުމަތްތެރިކަމަށް ނުވަތަ ފިކުރީ ވަފާތެރިކަމަށް ބަލާފައިވާ ކަމަށް ވެސް ފާހަގަކުރެވެއެވެ.

ޚާރިޖީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ފަރާތްތަކާ ނާޒުކު މަސައްކަތްތައް ހަވާލުކުރުމަކީ ޓްރަމްޕްގެ ސަރުކާރުގެ ފާހަގަ ކުރެވޭ ކަމެކެވެ. އިލްމީ ގާބިލު ޕީއެޗްޑީ ނަގާފައިވާ ބަޔަކު އެމެރިކާއާ ދެކޮޅަށް މުހިންމު ސައިންޓިފިކް ނިއުކްލިއަރ ފަދަ މަޝްވަރާތަކުގައި ބައިވެރިވާ އިރު އެމޭޒުގެ އަނެއް ފަރާތުގައި ޓްރަމްޕް ބައިންދަނީ ދަނބިދަރިއާއި ރަހުމަތްތެރި ނިއުޔޯކުގެ ކޮންޓްރެކްޓަރެކެވެ. އެމީހުންނަކީ ނިއުކްލިއަރ މަޝްވަރާގެ އަލިފުބާ ވެސް ރޭކާލާނެ ފަދަ ބައެއް ނޫން ކަމަށް ބުނެއެވެ.

  • އެމެރިކާގެ އެމްބެސެޑަރުންގެ ދެބައިކުޅަ އެއްބައި މަގާމު އޮތީ ހުސްކޮށް؛
    109 މަގާމު ފުރިފައި ނުވާއިރު، ފުރިފައިވަނީ އެންމެ 86 މަގާމެވެ.
    ފުރިފައިވާ މަގާމުތަކުގެ ތެރެއިން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކާ އަޅާބަލާއިރު ކެރިއަރ ޑިޕްލޮމެޓުންގެ ހިއްސާ މަދު.
    މިއީ ޕްރޮފެޝަނަލް ފަރާތްތަކަށް ވުރެ ލޯޔަލިސްޓުންނަށް އިސްކަންދޭކަން ހާމަވާ ކަމެކެވެ.

ޓްރަމްޕްގެ ވެރިކަމުގައި ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ވަނީ މަގާމުތަކުން އެކަހެރިކޮށްފައެވެ. ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ވެސް ވޮޝިންޓަނަށް ނުފޫޒު ފޯރުވުމަށް މިހާރު އޮތް އެންމެ ފަސޭހަ މަގަކީ ސްޓޭޓް ޑިޕާޓްމަންޓުގެ ބަދަލުގައި ޓްރަމްޕްގެ އަރިސް ބޭފުޅުންނާއި، އާއިލީ މެންބަރުންނާއި އަދި ސިޔާސީ އެޖެންޓުން ހިމެނޭ ނެޓްވޯކެއް މެދުވެރިކޮށް ކަން ވަނީ އެނގިފައެވެ.

  • ފާއިތުވި 50 އަހަރު ތެރޭގައި އެހެން އެއްވެސް ރައީސަކަށް ވުރެ މާ ގިނައިން އެމެރިކާގެ ސަފީރުންގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ވަނީ ސިޔާސީ އެކުވެރިން އައްޔަން ކުރައްވާފަ.
    ޓްރަމްޕްގެ ދެވަނަ ދައުރުގައި ސަފީރުގެ މަގާމުތަކުގެ ތެރެއިން ކެރިއަރ ޑިޕްލޮމެޓުންނަށް ދިޔައީ އެންމެ %9 މީހުން.
    %91 މީހުންނަކީ ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން ކަމަށެވެ.

މިގޮތަށް އުފެދުނު ސަރުކާރާ ވާދަކުރާ ނުރަސްމީ ނިޒާމުގެ ސަބަބުން، ދައުލަތުގެ މަސްލަހަތާއި އަމިއްލަ ފައިދާއަށް ކުރެވޭ މުއާމަލާތްތަކާ ދެމެދު އޮތް ފަރަގު ވަނީ ފުހެވިގެން ގޮސްފައެވެ. އޭގެ ހެއްކަކަީ ގަތަރުން ޓްރަމްޕަށް ދިން އުދުހޭ ގަނޑުވަރެވެ. އެމެރިކާގެ އެކުވެރި ގައުމުތަކާއި ހަތުރުވެރި ގައުމުތަކުން ވެސް ވަނީ މި ނިޒާމަށް ހޭނި، ވަކި ވަކި ފަރުދުންނާ ގުޅައިގެން އެމީހުންގެ އަމިއްލަ ގުޅުންތަކުގެ ތެރެއިން ޓްރަމްޕާއި އެމެރިކާގެ ސިޔާސަތުތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކޮށްފައެވެ.

ޓްރަމްޕްގެ މި އުސޫލަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި އަމަލުތަކުގެ ސަބަބުން އެމެރިކާގެ ޚާރިޖީ ދާއިރާގެ ބާރު ކެނޑި، މުއައްސަސާތަކަށް އޮތް އިތުބާރު ވަނީ ކުޑަވެފައެވެ. އަދި ގައުމުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް މަސްލަހަތުތައް ވަނީ އިންތިޚާބުކޮށްފައި ނުވާ މަދު ބައެއްގެ އަމިއްލަ އެދުމުގެ މައްޗަށް ދޫކޮށްލެވިފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ފެނިގެންދިޔައީ ދުނިޔޭގެ ބާރެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އާއިލީ ވިޔަފާރިއެއްގެ އުސޫލުން ޓްރަމްޕްގެ ދަރިން ހިންގާ ގައުމީ މަސްލަހަތަށްވުރެ އަމިއްލަ ވަފާތެރިކަމަށް އިސްކަންދޭ އަދި ޑިޕްލޮމެސީއަކީ ގަނެވިއްކޭ މުދަލެއްގެ ގޮތުގައި ބެލެވޭ ނިޒާމެކެވެ.

ހިއްސާ ކުރައްވާ!