ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ އިންޑިއާގެ 'ކޮކްރޯޗް ޖަނަތާ ޕާޓީ' (ސީޖޭޕީ) ގެ ފައުންޑަރު އަބީޖީތު ދިޕްކޭގެ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އޭނާގެ އާއިލާއިން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ. އަބީޖީތުގެ މައިންބަފައިން ކަމަށްވާ ބަގްވާން އަދި އަނީތާ ދިޕްކޭ މަރާޓީ ނިއުސް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ދަރިފުޅު ކުރިއަށް ގެންދާ ސިޔާސީ ފާޑުކިޔުންތަކުގެ ސަބަބުން އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ޗަޓްރަޕަތީ ސަމްބާޖީނަގަރުގައި ދިރިއުޅޭ މި އާއިލާއިން ބުނި ގޮތުގައި، އަބީޖީތުގެ އޮންލައިން ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާއަކަށް ބިރުން އެމީހުންނަށް ނުނިދޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. "އަހަރެމެން ބޭނުމެއް ނޫން އޭނާ ސިޔާސީ ކަންކަމުގައި އުޅޭކަށް. އަހަރެމެން އެދެނީ އޭނާ ރައްކާތެރިކަމާއެކު ގެއަށް އައުމަށް،" އާއިލާއިން ބުންޏެވެ.
ބޮސްޓަން ޔުނިވާސިޓީގައި ކިޔަވަމުންދާ އަބީޖީތު މީގެ ކުރިން ވަނީ އިންޑިއާއަށް އެނބުރި ގޮސްފިނަމަ ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް އިންޓަވިއުއެއްގައި ބުނެފައެވެ. މި ވާހަކައާއެކު އޭނާގެ މައިންބަފައިންގެ ކަންބޮޑުވުން ވަނީ އިތުރަށް ބޮޑުވެފައެވެ. އަބީޖީތުގެ ބައްޕަ ބުނި ގޮތުގައި އޭނާގެ އެއްވެސް ސިޔާސީ ޝައުގުވެރިކަމެއް ނެތް ކަމަށާއި، އޭނާ ހަމައެކަނި ކަންބޮޑުވަނީ ދަރިފުޅުގެ ސަލާމަތާއި މުސްތަގުބަލާ މެދުގައެވެ.
'ކޮކްރޯޗް ޖަނަތާ ޕާޓީ' އަކީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޖެންޒީންނާއި އެކްޓިވިސްޓުންނަށް ނިސްބަތްކޮށް 'ފަނިފަކުސަތަކެއް' އަދި 'ކޮކްރޯޗް' ކުރަފި ކަމަށް ސިފަކުރައްވައ ިއެފަދަ ބަސްތައް ބޭނުންކުރެއްވުމާ ގުޅިގެން އުފެދުނު ހަރަކާތެކެވެ. މި ހަރަކާތް ވަރަށް އަވަހަށް މަގުބޫލުވެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންސްޓަގްރާމްގައި 20 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ވަނީ ހޯދާފައެވެ.




