ޣައްޒާގައި ކިރުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޔޫއޭއީން ޔަހޫދީންނަށް ކިރު ބޯންދެނީ

ޣައްޒާގެ ތުއްތު ކުދިންނަށް ބޭނުންވާ ކިރާއި ކާނާގެ ބާވަތްތައް އިންތިހާއަށް މަދުވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލުގެ ފުޑް-ޓެކްނޮލޮޖީ ކުންފުންޏަކަށް ޔޫއޭއީގެ ފަންޑަކުން އިންވެސްޓްކޮށްފައިވާކަން ހާމަވުމާ ގުޅިގެން އެ ގައުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.

އާންމުވެފައިވާ މާލީ ރެކޯޑްތަކުން ދައްކާގޮތުގައި، ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝެއިޚް ތަހުނޫން ބިން ޒާއިދުއާ ގުޅުން އޮންނަ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ 'ޓާއު ކެޕިޓަލް' އިން ވަނީ އިޒްރޭލުގެ 'ރީމިލްކް' ކުންފުންޏަށް 20 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފައެވެ. ލެބޯޓްރީގައި ކިރުގެ ޕްރޮޓީން އުފައްދާ މި ކުންފުންޏަށް 2022 ވަނަ އަހަރު ކުރި މި އިންވެސްޓްމަންޓުގެ ވާހަކަ އަލުން ފެންމަތިވެފައިވަނީ ޣައްޒާގައި އިންސާނީ އެހީގެ ކާރިސާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޔުނިސެފް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2024 އިން 2026 އަށް އިންޒާރު ދެމުންދާ ގޮތުގައި، އިޒްރޭލުން އަޅާފައިވާ ހުރަސްތަކާއި ސަޕްލައި ރޫޓުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ޣައްޒާއަށް ތުއްތު ކުދިންގެ ކިރާއި ކާނާ ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. މެޑިކަލް ޓީމުތަކުން ރިޕޯޓްކުރާ ގޮތުގައި ކާނާއަށް ޖެހުމުގެ ސަބަބުން ތުއްތު ކުދިން ބަލިވުން އިތުރުވަމުންދާއިރު، ހޮސްޕިޓަލްތަކަށް އަސާސީ ކާނާ ހޯދުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ޣައްޒާގެ ރައްޔިތުން މިފަދަ ނިކަމެތި ހާލެއްގައި ތިއްބާ، ޔޫއޭއީން އިޒްރޭލުގެ ވިޔަފާރިތަކާ އެކު ބާއްވަމުންދާ ގާތް ގުޅުމާއި ޔަހޫދީންނަށް ބުއ ްޖެސުމުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ ފާޑުކިޔުން އަބޫދާބީގެ އިގްތިސާދީ ސިޔާސަތުތަކަށް ވަނީ އަމާޒުވެފައެވެ.

2020 ވަނަ އަހަރު ސޮއިކުރި އަބްރަހަމް އެކޯޑްސްއަށް ފަހު، ޔޫއޭއީން ވަނީ ޓެކްނޮލޮޖީ، ދަނޑުވެރިކަން، ދިފާއީ އަދި ހަކަތައިގެ ދާއިރާއިން އިޒްރޭލާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ހާއްސަކޮށް ފުޑް-ޓެކް ދާއިރާއިން އިޒްރޭލުގެ ކުންފުންޏަކަށް ޔޫއޭއީގެ ފަންޑުތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ދަނީ ކުރަމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޣައްޒާގެ ރައްޔިތުން އަސާސީ ތަކެއްޗަށް ޖެހިފައިވާ މި ދަނޑިވަޅުގައި އިޒްރޭލުގެ ކުންފުންޏަކަށް މިފަދަ އިންވެސްޓްމަންޓްތައް ކުރުމަކީ ފަލަސްތީނަށް އެހީތެރިވާ ކަމަށް ޔޫއޭއީން ބުނާ ބުނުމާ ފުށުއަރާ ކަމެކެވެ.

ހިއްސާ ކުރައްވާ!