ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަނިކޮށް ޔަހޫދީ ޖެނޮސައިޑް އިސްރާއީލުގެ ސިފައިން ކަނޑުފޭރިގަތް ފްލޮޓިލާގެ އެކްޓިވިސްޓުންނަށް، އިސްރާއީލުގެ ބަންދުގައި ތިބިއިރު ޖިންސީ ގޯނާއާއި، ރޭޕް ކޮށް އަދި އަނިޔާކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކޮށްފިއެވެ. ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކަށާއި އިންސާނީ އެހީދޭ ޖަމިއްޔާތަކަށް ދީފައިވާ ބަޔާންތަކުގައި އެކްޓިވިސްޓުން ބުނެފައިވަނީ، ޖަލުގައި ތިބިއިރު ރޭޕްކޮށް ބޮޑެތި އިހާނެތި އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. ނަމަވެސް ޔަހޫދީ ޖެނޮސައިޑް އިސްރާއީލުގެ ޕްރިޒަން ސާވިސްއިން މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައިވެއެވެ.
މި ހަފްތާގެ ކުރީކޮޅު ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން 50 އުޅަނދުގެ މައްޗަށް އެކުލެވޭ ފްލޮޓިލާއެއް ކަނޑު ފޭރިގަނެ ޔަހޫދީ ޖެނޮސައިޑް އިސްރާއީލު ސިފައިން ވަނީ 430 މީހުން ހައްޔަރުކޮށްފައެވެ. މި އުޅަނދުތަކަކީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ހިފައިގެން ދަތުރުކުރި އުޅަނދުތަކެކެވެ.
"ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އިންތިޒާމުކުރާ ފަރާތްތަކުން ބުނި ގޮތުގައި، ވަގަށް ނަގައިގެން ހިފެހެއްޓި މީހުންގެ ތެރެއިން މަދުވެގެން 15 މީހަކު ވަނީ ރޭޕް ކޮށް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގި ޖަންގަލީ އަމަލުތަކުގެ ތެރޭގައި އޮރިޔާން ކޮށް އަންހެނުންގެ ގުނަވަނުގައި ކޮޅުފައިން ޖެހުމާއި، ޓީޒަރު ބޭނުންކޮށްގެން ކަރަންޓު ޖައްސައި އަނިޔާކުރުމުގެ އިތުރުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. ތުރުކީއާއި ޔޫރަޕަށް މި މީހުން ދޫކޮށްލުމާއެކު، ޔަހޫދީ ޖެނޮސައިޑް ފޯސްއިން ކުރި އަނިޔާތަކަށް ފަރުވާ ދިނުމަށް ގިނަ ބަޔަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ފަރަންސޭސިވިލާތުގެ އިންތިޒާމުކުރާ ފަރާތަކުން ބުނި ގޮތުގައި އެ ގައުމުގެ ފަސް މީހަކު ތުރުކީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާއިރު، އެމީހުންގެ މޭކަށިގަނޑާއި ބުރަކަށީގެ ކަށިތަކުގައި ރެނދުލާފައިވެއެވެ. ޖަރުމަނުގެ ފޮރިން މިނިސްޓްރީންވެސް ވަނީ އެ ގައުމުގެ ރައްޔިތުންނަށް އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އިޓަލީގެ ޕްރޮސިކިއުޓަރުން ވަނީ ކިޑްނެޕްކުރުމާއި، އަނިޔާކުރުމާއި ރޭޕްކޮށް ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައެވެ.
ޔަހޫދީ ޖެނޮސައިޑް އިސްރާއީލުގެ ޕްރިޒަން ސާވިސްއިން ބުނެފައިވަނީ ހައްޔަރުކުރި މީހުން ބޭތިއްބީ ގާނޫނާ އެއްގޮތަށް ސިއްހީ ބެލުމުގެ ދަށުން ކަމަށެވެ. ނަމަވެސް، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، ޖަލުގެ ބިމުގައި ބައިތިއްބާފައި ތިބި އެކްޓިވިސްޓުންނަށް މަލާމާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު، ޔަހޫދޫީންގެ ޖަންގަލީކަބން ދުނިޔެއަށް ސާބިތު ވެފައި ވެއެވެ. އިޓަލީން ބުނި ގޮތުގައި މި އަމަލުތަކާ ގުޅިގެން ބެން-ގްވީރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕްގެ އިއްތިހާދުން ދަނީ މަޝްވަރާ ކުރަމުންނެވެ.
ޔޫރަޕްގެ ސަރުކާރުތަކުން ދަނީ މިކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް ބިރުން ތިބެ އިސްރާއީލަށް ގޮވާލަމުންނެވެ. ސްޕެއިން ސަރުކާރުން ކަށަވަރުކޮށްދިން ގޮތުގައި ބުރާސްފަތި ދުވަހު އިސްރާއީލުން ޑިޕޯޓްކޮށްލި އެ ގައުމުގެ 44 ރައްޔިތުންގެ ތެރެއިން ރޭޕްކުރި ހަތަރު މީހަކަށް ވަނީ ލިބިފައިވާ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައެވެ.






