ޒަޔަނިސްޓް ރެޖީމްގެ ރޭޕް ކުރުމުގެ ސަގާފަތަކީ ހަގީގަތެއް: ނިއުޔޯކް ޓައިމްސް

ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމްގެ ޖަލުތަކުގައި ފަލަސްތީނުގެ ރަހީނުންނާއި އަސީރުންނަށް ކުރާ ޖިންސީ އަނިޔާއާއި ރޭޕް ކުރުމުގެ ނިޒާމީ ސަގާފަތް ހާމަކޮށް ނިއުޔޯކް ޓައިމްސްއިން ޝާއިއުކުރި ރިޕޯޓަށް އެ ނޫހުން ވަރުގަދައަށް ތާއީދުކޮށް އެ ރިޕޯޓްގެ ދިފާއުގައި ސާބިތުކަމާއެކު އޮތްކަމަށް ބުނެފިއެވެ. ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމްގެ ސަރުކާރުން މި ރިޕޯޓު ދޮގުކޮށް، އެއީ އަގުވައްޓާލުމެއް ކަމަށް ބުނެ އިންޒާރު ދިން ނަމަވެސް، ނިއުޔޯކް ޓައިމްސްއިން ބުނެފައިވަނީ އެ ރިޕޯޓުގައިވާ ހުރިހާ ވާހަކަތަކަކީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވީ ނިކޮލަސް ކްރިސްޓޮފް ލިޔުއްވާފައިވާ "ދަ ސައިލެންސް ދެޓް މީޓްސް ދަ ރޭޕް އޮފް ޕަލެސްޓީނިއަންސް" މި ސުރުޚީގެ ދަށުން ޝާއިއުކުރި ތަހުގީގީ ރިޕޯޓަކާ ގުޅިގެންނެވެ. ނިއުޔޯކް ޓައިމްސްގެ އޮޕީނިއަން ސެކްޝަންގެ ހެޑް ކެތްލީން ކިންގްސްބަރީ ވިދާޅުވީ، އެޑިޓަރުން އެ ރިޕޯޓުގައިވާ ހުރިހާ ކަމެއް އަލުން މުރާޖައާކޮށްފައިވާ ކަމަށާއި، އެއިން އެއްވެސް ކުށެއް ފެނިފައިނުވާ ކަމަށެވެ. މި ރިޕޯޓަކީ އަނިޔާ ލިބުނު މީހުންގެ ބަޔާންތަކާއި، މިނިވަން ގާނޫނީ މާހިރުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މި ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމްގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ފަލަސްތީނުގެ ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ އާންމުކޮށް ހިންގާ އަމަލެކެވެ. މީގެ ތެރޭގައި ސިފައިންނާއި، ވަޒަންވެރިންނާއި، ޝިން ބެޓްގެ އިންޓަރޮގޭޓަރުންގެ އިތުރުން ޖަލު ގާޑުންވެސް ރޭޕް ކުރުމަށް ބައިވެރިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއީ ވަކިވަކި ހާދިސާތަކެއްގެ ބަދަލުގައި، މުޅި ނިޒާމުގެ ތެރޭގައި އަށަގަނެފައިވާ ކަމެއްގެ ގޮތުގައި ރިޕޯޓުގައި ސިފަކޮށްފައިވެއެވެ.

އަނިޔާ ލިބުނު މީހުންގެ ބަޔާންތަކުގައިވާ ގޮތުން، ހައްޔަރުކޮށްފައިވާ އަސީރުންނާއި ވަގަށް ނަގާފައިވާ ރަހީނުން އޮރިޔާން ކޮށް އާންމުންގެ ކުރިމަތީގައި ލަދުގަންނުވައި، ޖިންސީ ގުނަވަންތަކުގައި ތަޅައި އަނިޔާކުރުމަކީ ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުން ކުރާ އާންމު ކަމެކެވެ. ބައެއް ބަޔާންތަކުގައި، އެކި ބާވަތުގެ ތަކެތި ބޭނުންކޮށްގެން ޖިންސީ ގުނަވަނަށް ގޯނާކުރުމާއި، އަދި ގައިދީން ރޭޕް ކުރުމަށްޓަކައި ތަމްރީނުކޮށްފައިވާ ކުއްތާ ބޭނުންކުރާ ކަމުގެ ބިރުވެރި މައުލޫމާތުތައްވެސް ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުން ވަނީ ފަލަސްތީނު މީހުންނާ މެދު އަމަލުކުރުމުގައި "ޖިންސީ އަނިޔާވެރިކަން" އާންމު އަނިޔާ ކުރުމުގެ އުސޫލެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ފަދަ ޓެރަރިސްޓުން ގައިދީންގެ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް ބާރުއަޅައި ދައްކާ ޖަންގަލީ ވާހަކަތަކަކީ، މިފަދަ އަނިޔާވެރި އަމަލުތަކަށް ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމްގެ ސަރުކާރުގެ އެންމެ މަތީ ފަންތިން ހިތްވަރުދޭ ކަމުގެ ހެއްކެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ނިއުޔޯކް ޓައިމްސްއިން އެ ނޫހުގެ ރިޕޯޓާ އެކު ސާބިތުވެ އޮތުމުން ދޭހަވަނީ، ފަލަސްތީނު މީހުންނަށް ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުން ކުރާ މި ނިޒާމީ ޖިންސީ އަނިޔާއާއި ރޭޕް ކުރުމަކީ ހަމައެކަނި އިއްތިފާގެއް ނޫން ކަމާއި، އެއީ ޔަހޫދީ ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމު ދައުލަތުގެ ފަރާތުން ރޭވިގެން ހިންގާ، އަދި އެތައް އަހަރެއް ވަންދެން ސިއްރުކޮށްފައިވާ އަނިޔާވެރި އަމަލެއްގެ ގޮތުގައި ބޭނުންކުރާ ވަސީލަތެއް ކަމެވެ.

ހިއްސާ ކުރައްވާ!