ޑޮނަލްޑފް ޓްރަމްޕް މީގޮނު އީދަށް ކަތިލަން ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރު ގޮތަކަށް ނިތްކުރިމަތީގައި ރަންކުލައިގެ އިސްތަށިތަކެއް ހުރުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދި ބަންގްލަދޭޝްގެ މީގޮނެއް މިއަހަރުގެ އަޟްޙާ އީދުގައި ގުރުބާން ކުރުމަށް ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ކައިރީގައި އޮންނަ ނަރަޔަންގަންޖްގެ ފާމެއްގައި ގެންގުޅޭ މި މީގޮނަށް "ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން ނަން ދީފައިވަނީ އޭގެ ނިތްކުރިމަތިން ފައިބާފައި ހުންނަ ރަންކުލައިގެ އިސްތަށިގަނޑުގެ ސަބަބުންނެވެ. ގާތްގަނޑަކަށް 700 ކިލޯ ހުންނަ މި މީގޮނަކީ އާދަޔާ ހިލާފަށް ހުދު ކުލައިގެ (އަލްބީނޯ) މީގޮނެކެވެ.

ފާމްގެ ވެރިޔާ ޒިއާއުއްދީން މްރިދާ ބުނި ގޮތުގައި، މި މީގޮނު މިހާރު ވަނީ އީދުގައި ގުރުބާން ކުރުމަށް ކަސްޓަމަރަކަށް ވިއްކާލާފައެވެ. "އަހަރެން ޑޮނަލްޑް ޓްރަމްޕް މަތިން ވަރަށް ހަނދާންވާނެ، އެކަމަކު އީދު ގުރުބާނީގެ އަސްލު ރޫހަކީވެސް އެއީ – ގުރުބާން ކުރުން،" މްރިދާ ކިޔައިދިނެވެ.

ވޭތުވެދިޔަ މަދު ހަފުތާތަކެއްގެ ތެރޭގައި މި މީގޮނު ވަނީ އިންޓަނެޓްގައި ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު މި ސޮރާއެކު ސެލްފީ ނެގުމަށާއި ވީޑިއޯ ކުރުމަށް އެ ފާމަށް ޒިޔާރަތް ކުރެއެވެ. ބައެއް މީހުން ދުރު ހިސާބުތަކުންވެސް މި މީގޮނު ބަލާލުމަށް ދަތުރުކޮށްފައިވާއިރު، ކުޑަކުދިންވެސް ފާމްގެ ދޮރުމަތީގައި މި މަންޒަރު ބަލަން ކިއު ހަދާފައި އޮވެއެވެ.

މްރިދާ ބުނި ގޮތުގައި މީގޮނަށް ޓަރަމްޕްގެ ނަން ދިނީ އޭނާގެ ކޮއްކޮއެވެ. އަދި މި މީގޮނަކީ ޓްރަމްޕާ ޚިލާފަށް ވަރަށް މަޑުމައިތިރި ސޮރެއް ކަމަށާއި، އާންމުކޮށް މިކަހަލަ ހުދު މީގޮނުތަކަކީ ގޯނާ ނުކުރާހާ ހިނދަކު ވަރަށް ސުލްހަވެރި އެއްޗެހި ކަމަށް އޭނާ ފާހަގަކުރިއެވެ.

ހިއްސާ ކުރައްވާ!