ކެނެޑާގެ އިންސާނީ ހައްގާ ބެހޭ މިއުޒިމުން ޔަހޫދީ ޒަޔަނިސްޓުން ބޭޒާރު ކުރަން ނިންމައިފި

ކެނެޑާގެ އިންސާނީ ހައްގުތަކާ ބެހޭ މިއުޒިމުން ވަނީ ފަލަސްޠީނުގެ ބިމަށް އަތްގަދަ ކޮށް ފަލަސްޠީނުގެ އާބާދީ ފޮހެލުމަށް ޔަހޫދީން ހިންގި ނަކްބާ ނުވަތަ 1948 ވަނަ އަހަރުގެ ނަސްލު ސާފު ކުރުމުގެ ޖަރީމާއާ ގުޅޭ ގުޅޭ މައުރަޒެއް ބޭއްވުމަށް ނިންމާފައެވެ.

"ފަލަސްތީން އަޕްރޫޓެޑް: ދަ ނަކްބާ ޕާސްޓް އެންޑް ޕްރެޒެންޓް" ގެ ނަމުގައި ބާއްވާ މި މައުރަޒު މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މައުރަޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކެނެޑާގެ އިންސާނީ ހައްގުތަކާ ބެހޭ މިއުޒިމްގެ ދާއިމީ ގެލެރީތަކުގެ ބައެއްގެ ގޮތުގައި ހުންނާނެ މައުރަޒެކެވެ. މިއުޒިމްގެ ސީއީއޯ އީޝާ ހާން ވިދާޅުވި ގޮތުގައި، މި މައުރަޒު ބިނާވެފައިވަނީ ކެނެޑާގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ދުލުން ކިޔައިދީފައިވާ ތާރީޚީ ވާހަކަތަކާއި އެކި ބާވަތުގެ ފަންނީ ވަސީލަތްތަކުގެ މައްޗަށެވެ.

ޒަޔަނިސްޓު ޖަމާއަތްތަކުގެ ފިއްތުންތައް

މި މައުރަޒު ބާއްވާނެކަން އިއުލާނު ކުރުމާ ގުޅިގެން، ޖެނޮސައިޑް އިޒްރޭލަށް ތާއީދުކުރާ ޒަޔަނިސްޓު ޖަމާއަތްތަކުގެ ފާޑުކިޔުންތަކާއި އިންޒާރުތައް މިއުޒިމަށް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ތަހޫދީ ރެޖީމްގެ ވެރިރަށް ތަލްއަބީބުގައި މަރުކަޒުވެފައިވާ "ޝޫރަތު ހާދިން – އިޒްރޭލް ލޯ ސެންޓަރު" އިން ވަނީ މި މައުރަޒު ހުއްޓާލުމަށް ގޮވާލައި މިއުޒިމްގެ ބޯޑަށް ގާނޫނީ އިންޒާރު ފޮނުވާފައެވެ.

ނޭޝަނަލް ޕޯސްޓް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޖަމާއަތުން ތުހުމަތު ކުރަނީ މި މައުރަޒަކީ އެއްފަރާތަކަށް ޖެހިފައިވާ ސިޔާސީ ވާހަކަތަކެއް ފަތުރާ މައުރަޒެއް ކަމަށާއި، މީގެ ސަބަބުން ޔަހޫދީންގެ ޖަރީމާތައް ފޮރުވި، ޔަހޫދީންނާ ދެކޮޅުވެރިކަން އުފެދިދާނެ ކަމަށެވެ. އަދި ސަރުކާރުގެ އެހީ ލިބޭ މިއުޒިމަކުން ޖެނޮސައިޑް ޔަހޫދީ ޓެރަރިސްޓް ރެޖީމެއް އުފެދުނު ގޮތާ މެދު ނުބައި ތަސައްވުރެއް ދެމުންދާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން އީޝާ ހާން ވިދާޅުވީ، ފަލަސްތީނު މީހުންގެ ވާހަކަތައް މިއުޒިމުން ފެންނަން ހުރުމަށް ގިނަ ބަޔަކު އެދެމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން، މެދުއިރުމަތީގެ ރައްޔިތުންނަށް އިންސާނީ ހައްގުތަކުގެ އަސަރުކުރާ ގޮތް ދެނެގަތުމަށް މީހުން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއުޒިމްގެ ތަރުޖަމާނު ވިދާޅުވީ ޒަޔަނިސްޓު ޖަމާއަތުން ފޮނުވި ސިޓީ މިއުޒިމުން ދިރާސާ ކުރަމުންދާ ކަމަށެވެ. ނަމަވެސް، އީޝާ ހާން ވިދާޅުވީ މައުރަޒާ ގުޅިގެން ޚިޔާލުތަފާތުވުން އުފެދޭނެކަން އެނގޭ ކަމަށާއި، އެހެންނަމަވެސް މިއުޒިމްގެ މަގްސަދަކީ އިހުތިރާމާއެކު މިފަދަ މައުޟޫއުތަކަށް ބަހުސްކޮށް މަޝްވަރާ ކުރެވޭނެ މާހައުލެއް ގާއިމުކުރުން ކަމަށެވެ.

ހިއްސާ ކުރައްވާ!