ޓްރަމްޕް އީރާނަށް ހަމަލަ ދޭނީ އިދުގެ ފަހުން ބާ ނޫނީ ކުރިންބާ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ހުކުރު ދުވަހުން ފެށިގެން އެމެރިކާގެ ސިފައިން ތިބީ އާ ހަމަލާތަކަކަށް ތައްޔާރުވެގެންނެވެ. ޗުއްޓީއަށް ގޮސް ތިބި އެމެރިކާގެ އަސްކަރީ އަދި އިންޓެލިޖެންސްގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެބޭފުޅުންގެ ޗުއްޓީތައް ކެންސަލް ކުރައްވާފައެވެ.

މި ހާލަތާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެވަޑައިނުގަނެވޭނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި ނިއުޖާޒީގައި ހޭދަކުރެއްވުމަށް ހަމަޖެހިފައި އޮތް 'މެމޯރިއަލް ޑޭ' ޗުއްޓީ ކެންސަލް ކުރައްވައި، ޓްރަމްޕް ވަނީ އަނބުރާ ވައިޓް ހައުސްއަށް ވަޑައިގެންފައެވެ.

ވައިޓް ހައުސްގެ އެތެރޭން ޚަބަރު ގެނަސްދޭ ޒަޔަނިސްޓުންނާ ބަދަހި ގުޅުމެއް އޮންނަ އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޓްރަމްޕް ވަނީ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި އީރާނާ ދެކޮޅަށް ހަމަލާ ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު އާނާ ކެލީ ވިދާޅުވީ "އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ކަމަށާއި، ޔުރޭނިއަމް ފައްކާކުރުން ހުއްޓާލަން ޖެހޭނެ" ކަމަށް ޓްރަމްޕް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރު ވަނީ ތެހެރާނަށް ވަޑައިގެން، ދެ ގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވަން ފައްޓަވާފައެވެ. އާސިމް މުނީރުގެ ކުރިން ޕާކިސްތާންގެ ދާޚިލީ ވަޒީރު ވަނީ ތެހެރާނަށް ވަޑައިގެން ރޭ ފަތިސް ވަންދެން ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާއެކު މަޝްވަރާތައް ބާއްވަވާފައެވެ.

އީރާނަށް ހުށަހަޅާފައިވާ އެންމެ ފަހުގެ އެއްބަސްވުމަށް އީރާނުން ދޭ ޖަވާބަކަށް އެމެރިކާ އިން އިންތިޒާރު ކުރަމުންދާއިރު، އެ އެއްބަސްވުމަށް އީރާނުން އިންކާރުކޮށްފިނަމަ އަސްކަރީ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު އެމެރިކާ ވަނީ ދީފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ އެމެރިކާ ނުވަތަ އިސްރާއީލުން ހަމަލާއެއް ދީފިނަމަ، މިފަހަރު މުޅި މެދުއިރުމައްޗަށްވުރެ ބޮޑަށް ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުން ބުނެފައިވަނީ "ހީވެސް ނުކުރާ ފަދަ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ" ކަމަށެވެ. މިހާރު އީރާނުން ދަނީ އެމެރިކާގެ ހުށަހެޅުން ދިރާސާ ކުރަމުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ހަނގުރާމައެއްގެ ބަދަލުގައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވެއްޖެނަމަ ބޭނުންކުރާނެ 'ޕްލޭން ބީ' އެއްގެ ގޮތުގައި ހުރުމްޒް ކަނޑުއޮޅި އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!